ރާއްޖޭގައި ރިޔާސީ ނިޒާމަށް ބައި ގަރުނުވެގެން ދިޔަ އިރު، މި ނިޒާމަކީ ދިވެހިންގެ ސިޔާސީ އަދި އިޖުތިމާއީ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ނިޒާމެކެވެ. އެގޮތުން 1968 ވަނަ އަހަރު ދެވަނަ ޖުމްހޫރިއްޔާއާ އެކު ފެށުނު މި ނިޒާމުން ރައްޔިތުން އުންމީދުކުރީ ސިޔާސީ ހަމަޖެހުމާއި، ހަލުވި ތަރައްގީ އާއި ދައުލަތް ހިންގުމުގެ ހަރުދަނާ އޮނިގަނޑެއް ގާއިމުވުމަށެވެ. އެގޮތުން ވޭތުވެ ދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި މި ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ޚާއްސަކޮށް 2008 ވަނަ އަހަރުގެ އައު ގާނޫނުއަސާސީއާއެކު، ބާރުތައް ވަކިކުރެވިފައިވާ ފުރިހަމަ ރިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވެ، ސީދާ ވޯޓަކުން ވެރިޔަކު އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެންދިޔައެވެ.
މިއަދުގެ ހާލަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ ބިނާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މި ނިޒާމާ މެދު ރައްޔިތުން ކުރި އުންމީދުތަކާއި މިހާރު ފެންނަން އޮތް ހަގީގަތާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. ވޯޓުގެ ޒަރީއާއިން ވެރިން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައިވީ ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލާ އިރު ނިޒާމުގެ ތެރޭގައި ހައްލު ނުކުރެވި ހުރި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
މި ނިޒާމުގައި ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ، ކޮންމެ ފަސް އަހަރަކުން ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރުމަށް ވޯޓު ދޭތަނެވެ. މިއީ ގައުމާއި ރައްޔިތުންނަށް ވަފާތެރި، ހެޔޮލަފާ ވެރިޔަކު ފާއިތުވި ބައި ގަރުނުގެ ތެރޭގައިވެސް ދިވެހިންނަށް ނުހޯދުނުކަމުގެ ހިތްދަތި ހެއްކެކެވެ. ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވެރިކަން ބަދަލު ކުރަމުން ދިއުމަކީ، ކުރިން ހޮވި ވެރިޔާގެ ކިބައިން ރައްޔިތުން އެދޭ ފަދަ އިންސާފާއި އަމާނާތްތެރިކަން ނުފެނުމުގެ ނަތީޖާއެވެ.
ރިޔާސީ ނިޒާމުގެ ތެރެއިން ފެންނަ އެންމެ ނުރައްކާތެރި އެއް ސިފަޔަކީ، ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ވެރިކަމުގެ ފަރާތުން ފާޅުކަން ބޮޑުކޮށް ހިންގާފައި ހުންނަ ޖަރީމާތަކާއި، ފަސާދައާއި، ފިއްކަޑައިގެންދާ ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެވެ. އަންދާޒާ ކުރެވޭ ގޮތުގައި، ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވި ފަހުން އައި ކޮންމެ ސަރުކާރެއްގެ ދައުރުގައި ދައުލަތުގެ ޚަޒާނާއިން ފަސް ވަރަކަށް ބިލިއަން ރުފިޔާ ވަނީ ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ގެއްލިފައެވެ. ސީދާ ގައުމުގެ އެންމެ މަތީ ވެރިން ވެސް ހިމެނޭ ގޮތަށް، ސިޔާސީ އެތައް ބައެއްގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތުތައް އެޅުވިފައިވެއެވެ.
މި ހުރިހާ ޖަރީމާއެއްގެ ނިމުން އަންނަ ގޮތަކީ މި ނިޒާމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ބޮޑެތި ޚިޔާނާތްތަކާއި ވައްކަމުގެ ވާހަކަތައް ހެއްކާ އެކު އާންމުންގެ ތެރޭގައި ދެކެވުނު ކަމުގައިވިޔަސް، އާޚިރުގައި އެ ހުރިހާ ކަމެއް ނިމިގެންދަނީ ސިޔާސީ ކުޅިވަރެއްގެ ގޮތުގަ އެވެ. ޝަރުއީ ނިޒާމު ވެރިންގެ މައްޗަށް ހިނގުމުގެ ބަދަލުގައި، އިންސާފުގެ ދޮރުތައް ބަންދުވެ، ހަގީގީ މުޖުރިމުން ސަލާމަތްވާތަން ފެނުމަކީ ރައްޔިތުން މާޔޫސްވާ ކަމެކެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެފަދަ ކުޑަ ގައުމަކަށް ރިޔާސީ މި ނިޒާމަކީ އެއްވެސް އުސޫލެއް، ހަމައެއް ނުވަތަ އިންސާފެއް އޮތް ނިޒާމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވެރިކަމުގެ ބާރުތައް އެކެއްގެ އަތްމައްޗަށް ޖަމާވެ، ޖަވާބުދާރީވުމުގެ ރޫހު ކެނޑިފައިވުމީ ގައުމުގެ ކުރިމަގަށް އޮތް ބޮޑު ބިރެކެވެ. އެހެންކަމުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމީ މިއަދު ފެންނަން އޮތް ބޮޑު ހަގީގަތެކެވެ. އެގޮތުން، ގައުމުގެ ޚަޒާނާ ހިމާޔަތްކޮށް، އިންސާފު ގާއިމު ކުރެވޭނެ ފަދަ ހަރުދަނާ ނިޒާމަކަށް ރާއްޖެ ހިޖުރަ ކުރަން ޖެހޭ ވަގުތު މި ވަނީ ޖެހިފަ އެވެ.