Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"ފަސްމީރު" ބްރޭންޑާއެކު ވިޔަފާރީގެ އައު ދޮރުތައް ހުޅުވޭނެ

ސްރީލަންކާގެ ބާޒާރަށް މިފްކޯ ގެ "ފަސްމީރު" ބްރޭންޑް ތައާރަފް ވެގެންދިއުމުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ އިތުރުން ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބާޒާރަށް "ފަސްމީރު ބްރޭންޑް" ތަޢާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަކީ އަބަދުވެސް ސްރީލަންކާގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެއް ކަމަށާއި ލަންކާގެ ބާޒާރަށް މިފްކޯގެ އުފެއްދުންތައް ތައާރަފްކުރުމުން ލަންކާގެ ރައްޔިތުންނަށާއި ލަންކާގައި ދިިއުޅޭ ދިވެހި ރައްޔިތުންނަށް ދިވެހި މަހުގެ އުފެއްދުންތައް ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށެވެ.

ސްރީލަންކާގެ ބާޒާރަށް މިފްކޯގެ"ފަސްމީރު ބްރޭންޑް" ތައާރަފް ވެގެންދިއުމަކީ، ލަންކާގެ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، ފަސޭހަކަމާއި އިތުބާރާއިއެކު، ދިވެހި ކަނޑުމަހުގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުވިގެންދިޔަ ފަހި ފުރުސަތެއްކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުާންތަކަކީ، ވަކިން ޚާއްޞަކޮށް "މޯލްޑިވް ފިޝް" ނުވަތަ ހިކިމަހަކީ، ސްރީލަންކާގެ ގޭބިސީތަކުގައި ނުހަނު ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ބާވަތްތަކެއް. މިއަދު މިފްކޯއިން މި ފެށި މަސައްކަތަކީ، ސްރީލަންކާގެ ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް، އިތުބާރު ހުރި ދިވެހި އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް އިޤްތިޞާދީ ނަފާ އިތުރުކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސްގެ ހަރުދަނާ އިރުޝާދުފުޅުގެ ދަށުން، މަހުގެ އުފެއްދުންތަކަށް އަގުއެއްކުރުމާ މި ސިނާޢަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ސިނާޢަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވި އެވެ. އަދި މިއަދު މި ފާހަގަކުރާ ކުރިއެރުމަކީވެސް ރައީސްގެ ދުރުވިސްނޭ ތަޞައްވުރުގެ ފޮނި މޭވާކަމަށާއި މީގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތައް ސީދާ ލަންކާގެ ބާޒާރަށް ތަޢާރަފުވެ، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ވިދާޅުވި އެވެ.