ތިލަމާލެ ބުރިޖް މަޝްރޫގެ 72 ޕަސެންޓް ނިމިއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފަ އެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.
ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މި ކަނެކްޓިވިޓީއަކީ 6.7 ކިލޯމީޓަރުގެ ދިގު މަގެކެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅިގެން ދާނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ތިލަމާލެ ބްރިޖް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ނިޔަލަށެވެ.
މިއީ 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރެ އެވެ.