Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައިވާ އައިޝަތު އީޝާ އަޝްރަފު މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.

ހުޅުމާލޭ ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް އީޝާ ހާޒިރުކުރީ މިރޭ 9:00 ގަ އެވެ. އީޝާ ފުލުހަށް ހާޒިރުވީ އޭނާގެ ވަކީލާއެކު އެވެ.

އީޝާ ހާޒިރުކުރީ ފުލުހުންގެ ޗިޓުގައިވާ ގޮތުން، "2026 މާޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކޮށް، 'އައިޝާ' ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ" އެވެ.

މި މައްސަލާ ގުޅިގެން "އަދަދު" ނޫހަށް ފުލުހުން ވަދެ އެތަން ބަލާ ފާސްކުރީ މިދިޔަ މަހުގެ 27 ގައެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.

މި މައްސަލައިގައި އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.