Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް އެމްޑީޕީ ހަދާނަން

މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް އެމްޑީޕީ ހަދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު "ބޮޑު ބަދަލު"ގެ ކެމްޕެއިންގެ ތެރެއިން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އަނބުރާ ވެރިކަމަށް އައުމާއެކު ދުނިޔެއަށް އެހީތެރިވެ ދިނުމަކީ ވެސް އެމްޑީޕީން ކުރަން ރަނގަޅު ކަމެއް ކަމަށެވެ.

އެގޮތުން ހުދުމުހުތާރު ވެރިކަމެއް ނައްތާލަން ކުރަންޖެހޭ ކަމަކީ އެތަނަކަށް ބޮން އެޅުން ކަމަށް ބައެއް ފަހަރަށް ގައުމުތަކަށް ހީވާ ކަމަށާއި ނަމަވެސް ބޮން ނާޅައި އެކަން ރާއްޖެއިން ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ރާއްޖެއިން ކުރީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް ތަޖުރިބާއެއް ވެރިކަންތައް ބަދަލުކުރުމުގެ، ސުލްހަވެރި ގޮތުގައި. އަޅުގަނޑުމެންނަކީ މިސާލެއް، ރާއްޖެއަކީ. އެކަން ވަރަށް ފުރިހަމައަށް ކުރި ބައެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.

ބޮމެއް އަޅަން އެއް މިލިއަން ޑޮލަރު ހަރަދުވާއިރު ސިޔާސީ ޕާޓީއެއް ހަދަން ލައްކަ ޑޮލަރު ވެސް ނުދާނެ ކަމަށާއި މި މަސައްކަތް މުޅި ދުނިޔޭގައި ވެސް ކުރެވެން އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"2028 ވަނަ އަހަރުވެސް އަޅުގަނޑުމެން ހޯދާނީ އިރާދަކުރެއްވިއްޔާ. ހަމަ އެއާއެކީގައި މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް އެމްޑީޕީ އިރާދަކުރެވިއްޔާ އަޅުގަނޑުމެން ހަދާނަން،" ނަޝީދު ވިދާޅުވި އެވެ.

އަންނަ މަހު 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.