އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އާސެނަލުން 20 އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސެމީފައިނަލްގެ ދެ ވަަނަ ލެގުން 1-0 އިން މޮޅުވެ، 2-1 އިން އެގްރިގޭޓުން ވަނީ ކުރި ހޯދައިފަ އެވެ. މިދިޔަ ހަފްތާގައި އެތުލެޓިކޯ ދަނޑުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މިއީ 2006 ވަނަ އަހަރަށް ފަހު އާސެނަލުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރު އާސެނަލް ވަނީ 2-1 އިން ބާސެލޯނާ އަތުން ބަލިވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ހާފު ނިމުމުގެ ކުރިން އާސެނަލަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް މަތަކޮށްފައިވާ އިރު، ރީބައުންސްގައި ސަކާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ދެވަނަ ހާފު ފެށިގެން އެތުލެޓިކޯ އިން ގޯލެއް ކާމިޔާބުކުރަން މަސައްކަތް ކުރި އިރު، ގިއުލިއާނޯ ސިމިއޯނީ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ގެބްރިއަލް އެވެ. އަދި އޭގެފަހުން އެންޓުއާން ގްރީޒްމަން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އެވެ.
މެޗުގެ ލީޑު ފުޅާކުރުމަށް އާސެނަލްގެ ފޯވާޑް ވިކްޓަ ޔޮކަރޭސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ބަޔާން މިއުނިކް ނޫނީ ޕީއެސްޖީއާ ދެކޮޅަށެވެ.