ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ވިސާ ލިބުމުގައި އޮތް ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނައިކަ ދެއްވާފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ އެންމެ ބޮޑު ޝަކުވާއަކީ ވިސާގެ މައްސަލަ ކަމަށާއި ދިވެހީންގެ އެ ކަންބޮޑުވުން ނަންގަވަނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ފަހަރުގެ ދަތުރުފުޅުގައިވެސް އެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މި ގައުމުގެ ރައީސް އަޅުގަނޑަށް ދެއްވި ޔަގީންކަމަކީ މިކަމުގައި މިހާރު ހުރި ކަންބޮޑުވުންތައް، މީގެ އަހަރުތަކެއް ކުރިން ފެށިގެން އައިސްފައި އޮތް ކަންތައްތަކެއް މިއީ. އެކަންކަން ހައްލު ކުރެވިގެން ގޮސް މިހާރު މި ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެންދާނެ ކަމުގެ ވަރަށް އުންމީދީ ޖަވާބެއް ލިބިފައި." ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އިޤްތިޞާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. މީގެ ތެރޭގައި، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ގޮތްޕެއް ޤާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.