އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަން ނިކުމެ ހުންނެވީ އެ ޕާޓީ ބޮޑުކޮށް ރާވާލަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް "އިތުބާރު"ގެ ކެމްޕެއިންގެ ތެރެއިން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ވިދާޅުވީ ޕާޓީ ރޫޅާލިފަހުން ޕާޓީ ތެރެއިން މައުލޫމާތުތައް "ލީކުވަމުންދާ" ކަމަށް އާންމު މެންބަރުންނަށް ގަބޫލުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު މި އިންތިހާބަށް ނުކުމެ މިހިރީ މި ޕާޓީ ރާވާލަދޭން. ރާވާލާނަން، ރާވާލާނަން، ބޮޑުކޮށް ބޮޑުކޮށް ރާވާލާނަން. މި ޕާޓީ ރާވާލަދޭނަން" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވަނީ ޗެއާޕާސަންކަމަށް ނުކުމެ ހުންނެވީ އެހެން މަގާމަކަށް ދިއުމުގެ ހަރުފަތެއްގެ ގޮތުގައި އެ މަގާމު ބޭނުންކުރަން ނޫން ކަމަށްވެސް ވިދާޅުވެ މި އިންތިހާބުގައި އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ އިތުބާރާއެކު ނޫނީ ޕާޓީއަށް ކުރިއެރުމެއް ނެތްކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.