އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު މިހާރު ވިދާޅުވާ ގޮތުން ނަމަ އީރާނުގެ އަސްކަރީ ޤާބިލުކަން ވަނީ ނައްތާލައިފަ އެވެ.
ޓްރަމްޕް ދައުވާ ކުރާ ގޮތުން "އީރާނުގެ ކަނޑުގެ ސިފައިންނެއް ނެތެވެ. ވައިގެ ސިފައިންނެއް ނެތެވެ. ރާޑަރެއް ނެތެވެ. އަދި އިސްދާނަކަމެއް ނެތެވެ." އަދި، އެމެރިކާގެ "ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ."
އެހެންވެއްޖެއްޔާ، ހަމައެކަނި އެމެރިކާގެ ދެ ޑިސްޓްރޯޔަ ބޯޓް އައިކޮޅަށް ފަހަތަށް ފޮނުވާލީ ކޮންބައެއް ހެއްޔެވެ؟ ހުރުމޫޒު ކަނޑުއޮޅީގައި އެ އުޅެނީ ޖިންނީން ހެއްޔެވެ؟ ޓުރަމްޕުގެ އެ ދަޢުވާތައް، ހަމައެކަނި ފާއިތުވި 24 ގަޑިއިރުގެ ޙާދިސާތަކާ އެއްގޮތަށް ތަޙުލީލުކޮށްލަމާ ހިނގާށެވެ!
މީގެ 24 ވަރަކަށް ގަޑިއިރު ކުރިން އީރާނުގެ މިސައިލްތަކާއި، ޑްރޯންތަކުން ޢަރަބި ޢިމާރާތަށް ޙަމަލާދީ، ފުޖައިރާގެ ތެޔޮ ކާރުޚާނާތަކުގައި އަލިފާން ރޯކޮށް، ދުބާއީ އާއި ޝާރުޖާގެ މަތީގައި ދަތުރުކުރާ ފްލައިޓްތަކުގެ ދަތުރުތައް ކެންސަލްކުރަން މަޖުބޫރުކުރިއެވެ.
ހޯމަ ދުވަހޔ އެމެރިކާގެ ނޭވީގެ ދެ ޑިސްޓްރޯޔަރެއް ކަމަށްވާ ޔޫ.އެސް.އެސް މައިކަލް މާފީއާއި، ޔޫ.އެސް.އެސް ފްރޭންކް އީ.ޕީޓާރސަން، ފުލް އޭ.އައި.އެސް ސިގުނަލްގައި އެމީހުންގެ ހާޒިރީ ބްރޯޑްކާސްޓް ކުރަމުން، ހުރުމޫޒް ކަނޑުއޮޅިއަށް ވަދެ އުޅެނިކޮށް، އީރާނުގެ އިންޤިލާބީ ގާޑުންގެ ރޭޑިއޯ އިންޒާރަކާއި، އެންމެ ޑްރޯނެއް ފޮނުވާލުމުން އައިކޮޅަށް ފަހަތަށް އަނބުރާލިއެވެ. ހުރުމޫޒު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ވިޔަފާރި އެއްވެސް ޓޭންކަރެއް މިނިވަންކަމާއެކު އެތަނުން ދަތުރުކޮށްފައި ނުވެއެވެ.
އެއީ، ޓުރަމްޕު އެ ވިދާޅުވާ ކަނޑުގެ ސިފައިން ނެތް އީރާނެވެ. އަދި އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ނުބެލެވޭ އީރާނެވެ. އެކަމަކު، ހުރުމޫޒު ކަނޑުއޮޅި އޮތީ އަދިވެސް ބަންދުކޮށްފަ އެވެ.
އެމެރިކާ، އީރާނު ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އެތައް ފަހަރަކު ޓުރަމްޕް ވަނީ އީރާނުގެ އަސްކަރިއްޔާ ނައްތާލެވިފައިވާ ކަމަށް ތަކުރާރުކޮށް އިޢުލާންކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ އެހެން ވިދާޅުވެފައި ވަނީ، މިއަހަރު މާރިޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން، އޭނާ އެހެން ބުނެފައިވަނީ މިއަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ. އަނެއްކާ އިއްޔެ ވެސް އެ ވިދާޅުވަނީ އީރާނުގެ އަސްކަރިއްޔާ ނައްތާލެވިފައިވާ ކަމަށެވެ.
އޭނާ އެގޮތަށް ވިދާޅުވާ ކޮންމެ ފަހަރަކު އީރާނުން ޤަލްފުގެ ކޮންމެވެސް ޤައުމެއްގެ ވެރި ރަށަށް މިސައިލް ޙަމަލާއެއް ފޮނުވާލައެވެ. އެމެރިކާގެ ހަނގުރާމަވެރި ކޮންމެވެސް މަނަވަރެއް އައިކޮޅަށް ފަހަތަށް އަނބުރާ ފޮނުވާލައެވެ. ނުވަތަ ކޮންމެވެސް ހުށަހެޅުމެއް އީރާނުން ހުށަހަޅައެވެ. އަދި، ހަނގުރާމަ ކާމިޔާބު ކޮށްފައިވާ ކަމަށް ހެދިގެން ވޮޝިންޓަނުން އަނބުރާ މަޝްވަރާގެ މޭޒަށް އަންނަން މަޖުބޫރުކޮށްލަ އެވެ.
މިއީ، ޤައުމެއް ބަލިކޮށް، އެ ޤައުމުގެ އަސްކަރީ ހާޑްވެއާ ނައްތާލާފައިވާ ކަމަށް ބުނާ މީހާގެ ފިކުރާއި، އިހުސާސްތައް ހަމައިން ނެއްޓިފައިވާ މިންވަރު ދައްކުވައިދޭ ނަމޫނާއެކެވެ. އީރާނުގެ އަސްކަރީ އާލާތްތައް ވަނީ ގެއްލިފަ އެވެ. އީރާނުގެ އަސްކަރީ އުސޫލުތައް ވަނީ ގެއްލިފައެވެ. އީރާނުގެ މުއައްސަސާތީ ޢިލްމު ވަނީ ގެއްލިފައެވެ. އަދި އީރާނުގެ އަތްފޯރާފަށުގައި ތިބި ބަޔަކާ ދެކޮޅަށް ޙަމަލާއެއް ދިނުމުގެ ޤާބިލުކަން ވަނީ ގެއްލިފައެވެ.
އަދި، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނުގެ އިންޖީނުގެތަކާއި، ތެޔޮ ވަޅުތަކާއި، ޚަރުޤު ޖަޒީރާއާއި، އަދި މީރުފެން އުފައްދާ ޕްލާންޓްތައް ނައްތާލާނެ ކަމުގެ އިންޒާރު ވެސް ޓުރަމްޕް ވަނީ ދެއްވައިފަ އެވެ. އެކަމަކު، އެ އިންޒާރުތައް އެންމެ ފަހުން ވެފައިވަނީ ޖަމަލުފޮޑިއަށެވެ. ހުރުމޫޒު ކަނޑުއޮޅި އޮތީ އަދިވެސް ބަންދުކޮށްފައެވެ. އީރާނާއި، އެމެރިކާގެ މަޝްވަރާތައް ނުހުއްޓި ދަނީ ކުރިއަށެވެ. އަދި އީރާނުގެ މިސައިލް ޙަމަލާތަކަށް ހުއްޓުމެއް ނާދެ އެވެ.
ކަނޑުގެ ސިފައިން ނެތް ޤައުމަކުން، އެމެރިކާގެ ކަނޑުގެ ސިފައިން ފަހަތަށް ޖައްސާލަ އެވެ. އިސްދާނަކަމެއް ނެތް ޤައުމަކުން، އެމެރިކާގެ ޑިޕްލޮމެސީއާ އެކު ތިންބުރަށް މަޝްވަރާތައް ބާއްވައިފި އެވެ. ވައިގެ ސިފައިން ނެތް ޤައުމަކުން ހަމައެކަނި ދުބާއީގެ އެއާޕޯޓްތައް ބަންދުކުރުމަށް މަޖުބޫރުކޮށްފިއެވެ.
ޓުރަމްޕު ވިދާޅުވަނީ "އަހުރެމެންގެ ހުރިހާ ކަމެއްވެސް މިދަނީ ވަރަށް ރަނގަޅަށް" ކަމަށެވެ. ފަހަރެއްގައި، އީރާނަކީ މިހާރު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ޤައުމަކީ ތާއެވެ. އެހެން ނޫނީ ޓުރަމްޕަށް މަޢުލޫމާތުދޭ، ހަނގުރާމައާ ބެހޭ ވަޒީރު "ޑިފީޓް ހެޑްސެޓް" ދޮގު ހަދަނީތާ އެވެ. ކޮންމެއަކަސް އީރާނުގެ އަސްކަރީ ހާޑްވެއާ އަށް ވުރެ، އެމެރިކާގެ އަސްކަރީ ހާޑްވެއާއަށް ލިބުނު ގެއްލުންތަކެއް ވަކި ކުޑައެއް ނޫނެވެ. ޚަބަރުފަތުރާ ވަސީލަތްތަކާއި، މުޙައްލިލުންގެ ރިޕޯޓްތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.