Last Updated: June 29, 17:37
Monday, June 29, 2026
ޚަބަރު

ވައިބާ މެދުވެރިކޮށް 50،000ރ. ފޭރިގެންފި

ވައިބައިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000ރ. މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ، މާލެ، މޫސާ މުޙައްމަދު، 38، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިމަހުގެ 2 ވަނަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ ކަމަށެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސަ ވަނީ ފޭސްބުކް މެސެންޖަ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދައި ވައިބަރ މެދުވެރިކޮށް އޭނަ ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، މީހާގެ ބެންކު އެކައުންޓުގައި ހުރި 50،000 ރުފިޔާ ކެނޑިފައިވެ އެވެ. އަދި އެ ފައިސާ ޖަމާވެފައި ވަނީ މޫސަގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު،މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.