Last Updated: June 21, 20:39
Sunday, June 21, 2026
މުނިފޫހިފިލުވުން

އާލިއާ އަލަށް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި

އެކްޓަރު ސޯހަމް ޝާހްގެ ކާމިޔާބު ހުރާފީ، ބިރުވެރި ފިލްމު 'ތުމްބަޅް' ގެ ދެވަނަ ބައިގެ ރޯލަކުން އާލިއާ ބަޓް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކާސްޓްގައި ނަވާޒުއްދީން ސިއްދީގީ ވެސް ހިމެނޭ މި ފިލްމަށް އާލިއާ އެއްބަސްވީ ކުޅެން ލިބުނު ރޯލު ކުރުވިޔަސް އެ ރޯލަކީ 'ތުމްބަޅް 2' ގެ ވާހަކައިގެ ވަރަށް ވަރުގަދަ ކެރެކްޓާއަކަށްވާތީ ކަމަށެވެ. އަދި އެ ފިލްމުގެ ޝޫޓިންގައި އާލިއާ މިހާރު ބައިވެރިވާން ވެސް ފަށާފައިވާ ކަމަށާއި ފިލްމަށް ވިއްސަކަަަށް ދުވަހަށް ހުނަރުވެރި ބަތަލާ ޝޫޓްކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ފިލްމު ވާނީ ބިރުވެރި ޖޯންރާގެ ފިލްމެއްގައި އާލިއާ ހިއްސާވާ ފުރަތަމަ ފަހަރަށެވެ.

'ތުމްބަޅް 2' ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޑިސެންބަރު 3 ގަ އެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިގައި ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހިއްސާވި އަދޭޝް ޕްރަސާދެވެ. ދެހާސް އަށާރައިގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި 'ތުމްބަޅް' ޑައިރެކްޓްކުރި ރާހީ އަނިލް ބަރްވޭ އެވެ.

'ތުމްބަޅް 2' ގެ މަސައްކަތް އާލިއާ ކުރަމުން އަންނަ އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖުލައި 10 އަށް ތާވަލުކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް (ވިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ 'އަލްފާ' އެވެ. އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އާލިއާގެ ފުރަތަމަ ފިލްމަކީ އޭނަގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލް ވެސް ކާސްޓްގައި ހިމެނޭ 'ލަވް އެންޑް ވޯ' އެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އެ ފިލްމު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 21 އަށެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާލިއާގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ 'ޖިގްރާ' އެވެ.