Last Updated: June 16, 10:51
Tuesday, June 16, 2026
ރިޕޯޓް

"އެލް ސޯފާ"ގެ ތަހުގީގު ރޮކެޓް ސްޕީޑްގައި؛ ކީއްވެ؟

ދައުލަތެއްގެ އެންމެ މުހިންމު އެއް އަސާސަކީ ވަކި ފަރާތަކަށް މަންފާއެއް ހޯދައި ދިނުމެއް ނެތި، ހަމަހަމަކަމާއެކު އިންސާފު ގާއިމު ކުރުމެވެ. ކުށެއް ކުރެވިއްޖެ ނަމަ އެކަމެއް ތަހްގީގުކޮށް، ހައްގު އަދަބު ދިނުމަކީ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގައި ބައެއް މައްސަލަތައް ބެލުމުގައި ގެންގުޅޭ ދުވެއްޔާއި، އަނެއްބައި މައްސަލަތައް "ފޮރުވިފައި" ހުންނަ ހުރުމަކީ އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.

މީގެ ތެރެއިން ވެސް "އެލް ސޯފާ" ގެ މައްސަލަ ރޮކެޓް ސްޕީޑްގައި ކުރިއަށްދާ އިރު، ގައުމީ ފެންވަރުގެ ބޮޑެތި އެތައް މައްސަލަތަކެއް އޮތީ ހުއްޓިފަ އެވެ.

އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ ދައުލަތުގެ ތިން އޮފީހެއް އެކީ އަނދާ ހުލިވި ބިރުވެރި ހާދިސާއެވެ. މިއީ ދައުލަތުގެ މުހިންމު ލިޔެކިޔުންތަކާއި ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި އެތައް މަޢުލޫމާތެއް ގެއްލިގެންދިޔަ ކަމެކެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއި ރު އެކަން ކުރި ބަޔަކު ނުވަތަ އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދި، އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. މިފަދަ ބޮޑު މައްސަލައެއްގެ ތަހްގީގު ފިރުކެމުންދާއިރު، އެލް ސޯފާގެ މައްސަލަ ބާރުމިނުގައި ދިއުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

ދެން އޮތީ "މާލީ ބަޣާވާތް" ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކެވެ. ގައުމުގެ އިގްތިސާދީ ނިޒާމަށް ގުޑުން އަރުވާލަން ބަޔަކު ރޭވި ކަމަށް ބުނާ މި ބޮޑު މައްސަލައިގެ ތަހްގީގަށްވީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުން ތިބީ އެކަމުގެ ހަގީގަތް އެނގެން ބޭނުންވެފައެވެ. ނަމަވެސް އެ މައްސަލަވެސް ވަނީ ހިމޭންވެފައެވެ. މީގެ އިތުރުން، އެޗްޑީސީ އާއި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންގެ މައްސަލަތަކަކީ ދައުލަތުގެ ފައިސާ ބިލިއަނުން ގެއްލިފައިވާ މައްސަލަތަކެވެ. މި މައްސަލަތައް ތަހްގީގުކޮށް، ރައްޔިތުންގެ ފައިސާއަށް ވީގޮތެއް ހޯދުމުގެ ބަދަލުގައި، ފެންނަނީ އަޅާނުލައި އެ މައްސަލަތައް ދޫކޮށްލާފައިވާ މަންޒަރެވެ.

އެމްޕީއެލްގެ ސަރަހައްދުން ވަގަށް ނެގި ކަމަށް ބުނާ ސިނގިރޭޓް ކޮންޓެއިނަރުތަކުގެ މައްސަލައަކީވެސް ކުޑަ ކަމެއް ނޫނެވެ. ދައުލަތުގެ ބޯޑަރު ބަލަހައްޓާ މުއައްސަސާއެއްގެ ތެރެއިން ފާޅުގައި ހިންގި މި ޖަރީމާގެ ތަހްގީގުވެސް އޮތީ "ވެލާ ސްޕީޑް" ގައެވެ. މި ހުރިހައި ކަމެއް މިހެން ހުރިއިރު، އެލް ސޯފާގެ މައްސަލަ ބެލުމުގައި ސަރުކާރުގެ މުއައްސަސާތަކުން ދައްކާ ހަލުވިކަމަކީ، އިންސާފު ގާއިމު ކުރުމުގައި ވަކި ބަޔަކަށް ނުވަތަ ވަކި މަގްސަދަކަށް އިސްކަން ދެވޭ ކަމުގެ ހެއްކެކެވެ.

އިންސާފަކީ ހަމައެކަނި ވަކި ބަޔަކަށް ނުވަތަ ވަކި ހާލަތެއްގައި ލިބިދޭންޖެހޭ އެއްޗެއް ނޫނެވެ. އެލް ސޯފާގެ މައްސަލަ ބެލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެ މައްސަލަ ބަލާ ފޯރިއާއި ސްޕީޑްގައި ދައުލަތުގެ ފައިސާއާއި، މުދަލާއި، ގައުމީ ސަލާމަތާ ގުޅުންހުރި މަތީގައި ބަޔާންކުރެވުނު މައްސަލަތައް ނުބެލޭނަމަ، ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ގެއްލޭނެ އެވެ.

ހަގީގީ އިންސާފަކީ ހުރިހާ މައްސަލައެއްގައި ވެސް އެއް ހަމައަކުން، އެއް ސްޕީޑެއްގައި އަމަލު ކުރުމެވެ.