އިންޑޮނޭޝިއާގައި ބޭއްވި "ސައިބަ ފްރޯޑް އިންވެސްޓިގޭޝަން" ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންތަކެއް ބައިވެރިވެއްޖެ އެވެ.
އެ ގައުމުގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެން ދިޔަ ޕްރޮގްރާމްގައި ބައިވެރިވީ ދިވެހި ދެ ފުލުހެކެވެ. އެ ދެ ފުލުހުންނަކީ ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލާއި، ޑްރަގް ފައިނޭންސިން އިންވެސްޓިގޭޝަން ޔުނިޓްގެ ސީނިއާ ސާޖަންޓް އާމިނަތު ޝިރާން އެވެ.
މިދިޔަ މަހުގެ 28 އިން މި މަހުގެ 1 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، އިންޓަނެޓް މެދުވެރިކޮށް ހިންގާ އޮޅުވާލުމުގެ މުއާމަލާތްތަކާއި (ސައިބަ ފްރޯޑް) ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ތެރެއިން، ސްކޭމްތައް ހިންގާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ރޭވުމާއި، އިންފޯމަންޓުންގެ އެހީތެރިކަން ފުރިހަމައަށް ހޯދުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް ހެކި ހޯދައި ރައްކާތެރިކުރުމުގެ ހުނަރުތައް ދަސްކޮށް ދީފައިވެ އެވެ. މީގެ އިތުރުން، ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާނެ އުކުޅުތަކާއި، ސައިބަ ފްރޯޑްގެ ތަހުގީގުތަކުގައި ބޭނުންކުރެވޭ ބައިނަލްއަގުވާމީ ގާނޫނީ ވަސީލަތްތަކާ ގުޅޭ ގޮތުން ވެސް ކޯހުގައި މައުލޫމާތު ދީފައިވެ އެވެ.
ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ހިންގާ ސައިބަ ކުށްތަކާއި މާލީ މުއާމަލާތްތަކުގެ ފްރޯޑް ހުއްޓުވުމަށްޓަކައި، ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށާއި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.