އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައިި-އިލެކްޝަނަށް ވާދަކުރައްވާ ދެ ކެންޑިޑޭންޓުންގެ ނަން ތަރުތީބު ކުރަން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އިން ގުރުލައިފި އެވެ.
އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ގުރުލުމުން ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބުނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އަށެވެ. ކެންޑިޑޭޓް ނަންބަރު 2 އަކީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އަންނަ މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ. އޭނަ އަށް އެމްޑީޕީގެ ޓިކެޓް ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.
ޕީއެންސީގެ ފަރާތުން އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް ވާދަކުރައްވާ، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު ސޮޑާ އަކީ ޕީއެންސީން ބައި-އިލެކްޝަނަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި ޕްރައިމަރީ ނާކާމިޔާބުވި ކެންޑިޑޭޓެވެ. އޭނަ އަށް ޓިކެޓް ލިބުނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ ޓިކެޓް ޕީއެންސީން ސޮޑާ އަށް ދިނުމާ ގުޅިގެންނެވެ.
ސޮޑާ އަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ ދެވަނަ ދައުރަކަށް ވެސް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކެންޑިޑޭޓެވެ.
ސިނާނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނެއް އެއްބަސްވުމާ އެއްގޮތަށް ނުދެއްކި މައްސަލައެއްގައި އޭނަގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން ސިނާނަށް ގޮނޑި ގެއްލުނު ކަމަށް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 12 އެވެ.