ފެޝަނުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މެޓް ގާލާގައި މި އަހަރުގެ އިވެންޓްގައި އިއްޔެ އިންޑިއާގެ ފިލްމީ ތަރި، ވިޖޭ ވަރުމާ އިންޑިއާގެ ސާދާ ހެދުމެއް ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ މެޓް ގާލާ އަށް ވިޖޭ ދިޔައީ ހުދު ގަމީހަކާއި ހުދު މުންޑެއް ލައިގެންނެވެ. އަދި އޭނަ އަރައިގެން ހުރީ އިންޑިއާގެ ގަދީމީ ސްޓައިލްގެ "ކޯލަޕޫރީ" ފައިވާނަކަށެވެ.
މި ބްރޭންޑްގެ ފައިވާނަކީ އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ޕްރާޑާ އިން ކޮޕީކޮށް، އެ މީހުންގެ އަމިއްލަ ފަރުމާއެއް ކަމަށް ބުނެ މިދިޔަ އަހަރު ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރުނު ފައިވާން ކަހަލަ ފައިވާނެކެވެ.
މެޓް ގާލާގައި ދައްކައިލި ލުކްގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ވިޖޭ ބުނީ އޭނަގެ އެ ކުލަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސީރީޒް 'މަޓްކާ ކިންގް' ގައި ކުޅުނު ކެރެކްޓާގެ ސްޓައިލް ދައްކައިލި ލުކެއް ކަމަށެވެ. އަދި އެ ލުކަކީ ކަފައިގެ މާކެޓުން ގާލާއާ ހިސާބަށް ކުރި ދަތުރު ކަމަށް ވެސް ބުނެފައިވެ އެވެ.
މި އަހަރުގެ މެޓް ގާލާގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓިންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރާއި ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އާއި ވިޔަފާރިވެރިޔާ އީޝާ އަމްބާނީ އާއި ވިޔަފާވެރިޔާ ނަތާޝާ ޕޫނަވާލާ އާއި ފިލްމު ޕްރޮޑިއުސަރު/ވިޔަފާވެރިޔާ ނަތާޝާ ބިރްލާ ހިމެނެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން މަޝްހޫރު ސެލެބްރިޓީން ބައިވެރިވާ މެޓް ގާލާގެ މި އަހަރުގެ ތީމަކީ 'ކޮސްޓިއުމް އާޓް' އެވެ. މެޓް ގާލާ ބާއްވަމުން އަންނަނީ 1948 އިިން ފެށިގެންނެވެ.