Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ނަޝީދަށް ލިބުނު ގެއްލުންތައް އެއްކޮށް ފަސޭހަވެއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ ފަސް އަހަރު ކުރިން ދިން ބޮމުގެ ހަމަލާގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް މިހާރު އެއްކޮށް ފަސޭހަވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެ ހަމަލާ އަށް މިއަދަށް ފަސް އަހަރުވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ހަމަލާގައި ލިބުނު ގެއްލުންތައް ފަސް އަހަރުގެ ތެރޭގައި އެއްކޮށް ފަަސޭހަވާނެ ކަމަށް ފަރުވާ ދެއްވި ޑޮކްޓަރުުން ވެސް ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެކަން މެދުވެރިވެފައިވާތީ ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ވަނަ ދުވަހުގެރޭ ދިން ހަމަލައާ ގުޅިގެން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

އަދި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން އޭނާ އަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނަޝީދަށް ދިން އެ ހަމަލާއާ ގުޅިގެން ސީރިއަސް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖެ އިން ފަރުވާ ހޯދުމަށް ފަހު، ރާއްޖެ އިން ބޭރުގައި ވެސް ފަރުވާ ހޯއްދެވި އެވެ.

ނަޝީދު މިހާރު ހުންނެވީ އަލުން އެމްޑީޕީ އަށް އެނބުރިވަޑައިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށެވެ. އަންނަ މަހު ބާއްވާ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ވެސް ކުރައްވަމުންނެވެ.