އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި މުއައްސަސާތަކުގެ ގާބިލުކަން ވަރުގަދަ ކުރުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ސެމިނާއެއް މިއަދު ރާއްޖޭގައި ފަށައިފި އެވެ.
ކްރޮސްްރޯޑްސް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނާ އަކީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) އިން އިންތިޒާމުކޮށް، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވާ ސެމިނާއެކެވެ.
ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އެޓާނީ އަޙްމަދު އުޝާމެވެ. އެ އިސާގެ ވެރިންނާއި، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު މަރިޔަމް ޝިއުނާ އަދި އެކި އިދާރާތަކުގެ މެމްބަރުން ބައިވެރިވި އެވެ.
ސެމިނާގައި އޭޝިއާ ސަރަހައްދުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެއެވެ. އަދި އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދީ ނުތަނަވަސްކަމާ ގުޅޭ ގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.
މި ސެމިނާގެ ތެރެއިން މައިގަނޑު ތިން ދާއިރާއަކަށް އިސްކަން ދޭނެ އެވެ. އެއީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމުގެ އިތުރުން މަކަރާއި ހީލަތް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރަށް އާބާދީ މުސްކުޅިވުމާ ގުޅިގެން އިތުރުވާ ޚަރަދުތައް ކުޑަކުރުމަށް ގެނެވިދާނެ އިސްލާހުތަކާއި، ކުއްލި ހާލަތްތަކުގައި ނިޒާމު ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ.
ސެމިނާގައި އޭޝިއާ ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ އިސާގެ މެމްބަރު ގައުމުތަކާއި ޖަމިއްޔާތަކުން ބައިވެރިވެ އެވެ.