Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ފޭދޫ ބަނދަރުގައި ކީ-ވޯލް ޖެހުން ކުރިއަށް

އައްޑޫ ފޭދޫ ބަނދަރު އިތުރަަށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާރު ކީ-ވޯލް ބްލޮކް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫގެ ދަށުން ކޮންކްރީޓް ބްރިޖެއް އެޅުމާއި، ބަނދަރުގެ ކުރީގެ ތޮށިގަނޑުތައް ރިޕްރޮފައިލް ކުރުމުގެ އިތުރުން، އާ ތޮށިގަނޑުތައް ހެދުމާއި ބަނދަރުގެ ފުންކޮށްފައިވާ ސަރަހައްދު އަލުން ކޮނެ ފުންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ. މުހައްމަދު މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ބަނދަރުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައިލެވޭނެ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި އޮތީ މަސައްކަތް ފަށާތާ 680 ދުވަހުން ނިންމާ ގޮތަށެވެ. އެމްޓީސީީސީން ކުރިން ބުނެފައި ވަނީ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް 300 ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ފަޅަށް 177 މީޓަރު އިތުރުކޮށް، 50 މީޓަރަށް ފުޅާ ކުރަން ހަމަޖެހިފައިވެ ވެ. އަދި 83،000 އަކަމީޓަރު ފުންކޮށް، 177 ސަރަޙައްދެއްގައި ކީވޯލް ޖަހައި، 516 މީޓަރު ސަރަޙައްދެއްގައި ހިލައިގެ ރިވެންޓްމަންޓު ޖެހުމުގެ އިތުރުން 2،460 އަކަމީޓަރު ސަރަހައްދެއްގައި ޕޭމަންޓު ހަދައި، މަގުބައްތި ވެސް ހަރު ކުރާނެ އެވެ.

ފޭދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ 771 މީޓަރު ދިގު 157 މީޓަރު ފުޅާ ބަނދަރެކެވެ.