ސުވާލު: މިހާރަކަށް އައިސް، ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމަށްވާ ސްނެޕްޗެޓް އަދި ޓިކްޓޮކް ފަދަ މަންސަތަކުގައި، ބުރުގާ އަޅައިގެން ތިބޭ ބައެއް އަންހެން ކަނބަލުން އެކަނބަލުންގެ އަމިއްލަ ސޫރަ ފާޅުނުކޮށް، އެކަނބަލުން ބޭނުން ކުރާ ހެދުމާއި، ގަހަނާއާއި، އަދި އެންމެ ގަޔާވާ ސެންޓު ފަދަ ތަކެތީގެ ފޮޓޯ އާއި ވީޑިއޯ އާންމު ކުރަމުންދެ އެވެ. މިކަމުގެ ހުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: الحمد لله.
އަންހެނުން ބޭނުންކުރާ ހެދުމާއި، ސެންޓާއި، އަދި ރީތިވާސާމާނު ފަދަ ތަކެތި، ފިރިހެނުންނަށްވެސް ފެންނާނެހެން ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މިއީ އެކަނބަލުންގެ ވަންހަނާވެފައިވާ ޒީނަތްތެރިކަން ފިރިހެނުންނަށް ހާމަކޮށްދިނުމުގެ ބާވަތުގެ ކަމަކަށް ވާތީ އެވެ. އަދި އާންމު ގޮތެއްގައި މިފަދަ ކަންކަން ފެށިގެން އަންނަނީ ހަމައެކަނި ތަކެތި ދެއްކުމުން ކަމުގައި ވިޔަސް، ފަހުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ދެއްކުމަށާއި، އަޑު މަޑުކޮށް ރީތިކޮށްގެން ވާހަކަދެއްކުމަށާއި، ނުވަތަ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހާމަކުރުމަށް މަގުފަހިވެގެންދެ އެވެ.
މީގެ ސަބަބުން ފިރިހެނުންގެ "ލައިކް" ތަކާއި، އެމީހުން އެކަނބަލުންގެ ކަންކަން ފާރަވެރިވެ ބެލުމާއި، އަދި އެކައުންޓުގެ ވެރިފަރާތަށް ތައުރީފުކުރުން ފަދަ ކަންކަން މެދުވެރިވެއެވެ. އަންހެނުންގެ ތަބީޢަތަކީ އެކަނބަލުންނަށް ތައުރީފުކުރާ މީހުންނަށް ހިތްލެނބުމެވެ. ގިނަ ފަހަރަށް މިއީ ނުބައިކަމުގެ ދޮރުތައް ހުޅުވިގެންދާ ކަމެކެވެ. މަދުވެގެންވެސް، މީގެ ސަބަބުން އަންހެންމީހާގެ ޖަޒުބާތުތަކަށް ލޮޅުން އަރައި، އޭނާގެ އީމާންތެރިކަމަށާއި، ނަފްސާނީ އަދި އިޖުތިމާއީ ހަމަޖެހުމަށް ނޭދެވޭ އަސަރު ފޯރައެވެ. މިއީ ތަޖުރިބާގެ އަލީގައި ފެންނަން އޮތް ހަގީގަތެކެވެ.
އިމާމް އަލްޤަރާފީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ: "ސައްދުއްޛަރާއިޢު (ނުބައިކަމަކަށް މަގުފަހިވާ ކަންކަން ބަންދުކުރުން) ގެ މާނައަކީ ފަސާދައަށް ހުޅުވޭ ދޮރުތައް ބަންދުކުރުމެވެ. އެއީ އެކަމަކުން ރައްކާތެރިވުމަށްޓަކައެވެ. އެހެންކަމުން، އޭގެ ޒާތުގައި މައްސަލައެއް ނެތް ކަމެއް، ފަސާދައަކަށް މަގުފަހިވާ ވަސީލަތަކަށް ވެއްޖެނަމަ، އިމާމް މާލިކް އެކަމެއް މަނާކުރައްވައެވެ." (އަލްފުރޫޤު: 2/32).
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ: "ފަސާދައަކަށް މަގުފަހިވާ ކަންކަން ބަންދުކުރުން ވާޖިބުވެގެންވެއެވެ. އެއީ އެކަމެއް ކުރުމުގައި މާ ބޮޑު މަސްލަހަތެއް ނެތް ނަމައެވެ. މި ސަބަބަށްޓަކައި، ފިތުނައަށް މަގުފަހިވާ ފަދަ ގޮތަކަށް ބެލުމަކީ ހަރާމްކަމެކެވެ. އެއީ ބޮޑުވެގެންވާ މަސްލަހަތަކަށްޓަކައި މެނުވީއެވެ. މިސާލަކަށް ކައިވެނިކުރަން އުޅޭ މީހާ ނުވަތަ ބަލިމީހާ ބަލާ ޑޮކްޓަރު ފަދަ މީހުންނެވެ. ބޭނުމެއް ޖެހިގެން ބެލުން ހުއްދަވަނީ ޝަހުވަތްތެރިކަމެއް ނެތް ހާލަތުގައެވެ." (އަލްފަތާވާ އަލްކުބްރާ: 1/287).
މާތްﷲ ވަނީ އަންހެނުންނަށް ނިވާވެތިވުމަށާއި، ވަންހަނާވެފައިވާ ޒީނަތްތެރިކަން ފާޅުނުކުރުމަށް އަމުރުކުރައްވާފައެވެ. ސޫރަތުއްނޫރުގެ 31 ވަނަ އާޔަތުގައި ވަނީ: "އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތްތެރިކަމުގެ ތެރެއިން ފާޅުވެގެންވާ މިންވަރު ފިޔަވައި، އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ! … އަދި އެކަނބަލުން ވަންހަނާކޮށްފައިވާ ޒީނަތްތެރިކަން އެނގުމަށްޓަކައި، ފައިން ބިމުގައި ނުޖަހާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން މާތްﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ފަލާހުލިބުމަށްޓަކައެވެ."
އަލްޠާހިރު އިބްނު އާޝޫރު ރަހިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ: "މި އާޔަތުން ދޭހަވަނީ، އަންހެނުންގެ ޒީނަތްތެރިކަމާއި، ހަރަކާތްތަކާއި، ފެންނަ ނުވަތަ އިވޭ ކަންކަމުގެ ތެރެއިން، ފިރިހެނުންގެ ހިތް އެކަނބަލުންނަށް ލަންބުވާފާނެ ނުވަތަ ފިތުނަވެރި ކުރުވާފާނެ ކޮންމެކަމަކުން ދުރުހެލިވުން ލާޒިމްކުރާ ކަމަށެވެ." (އައްތަހުރީރު ވައްތަންވީރު: 18/213).
ޚުލާސާއަކީ:
ފައިން ބިމުގައި ޖެހުން މަނާކުރެވިފައިވަނީ ވަންހަނާވެފައިވާ ޒީނަތްތެރިކަން އެނގި، އޭގެ ސަބަބުން ފިތުނައަށް މަގުފަހިވެދާނެތީއެވެ. މީގެ މާނައަކީ އަންހެނުންގެ ސަބަބުން ކުރިމަތިވެދާނެ ފިތުނަތަކުގެ ދޮރުތައް ބަންދު ކުރުމެވެ. ސޯޝަލް މީޑިއާގެ ހުޅުވިފައިވާ މަންސަތަކުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި ނުބައިކަންކަމާއި، ހިލޭ ފިރިހެނުންނާއި އަންހެނުންގެ މެދުގައި އުފެދޭ ގުޅުންތަކުގެ ނުރައްކާތެރިކަން މިއަދު އޮތީ ފެންނާށެވެ. މިއީ ކުރިން ހީވެސް ނުކުރާ ފަދަ މިންވަރަކަށް ފެތުރިފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ހެޔޮލަފާ އެތައް ބަޔަކާއި، ދީންވެރި އަންހެންތަކުންގެ ދިރިއުޅުން ވަނީ ހަލާކުވެފައެވެ.
އެހެނީ، އަންހެނުންނާއި ފިރިހެނުންގެ މެދުގައިވާ ފިޠުރީ ލޯތްބާއި ހިތްލެނބުމުގެ މައްޗަށް ގަދަވެގަތުމަކީ ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. (والله أعلم).
ނޯޓް: ޖަވާބު ދެއްވީ މިއީ ޝައިހް މޫސާ އަންވަރު ހަސަން އެވެ.