ޢަރަބި ޢާލިމަކު، 1011 ވަނަ އަހަރު ޤާހިރާގައި ގޭބަންދު ކޮށްފައި، 10 އަހަރު ދުވަސްވަންދެން ހުއްޓެވެ. އޭނާ، އެ ވަގުތު ބޭނުންކުރީ ލޮލަށް ފެންނަ ގޮތުގެ ސައިންޓިފިކް މަންހަޖު އީޖާދުކޮށް، އެކަން ސާބިތުކޮށް ދިނުމަށެވެ. އަދި، އޭގެ 600 އަހަރު ފަހުން އައިޒަކް ނިއުޓަން އެފޮތެއް ދިރާސާކުރި، 7 ޖިލްދުގެ ފޮތް އޭނާ ލިޔުނެވެ. އޭނާގެ ނަމަކީ ޙަސަން އިބުނު އަލް ހައިޘަމް އެވެ. އޭނާ ލިޔުނު ފޮތުގެ ނަމަކީ، "ކިތާބުލް މަނާޒިރު" ނުވަތަ "ބުކް އޮފް އޮޕްޓިކްސް" އެވެ. އޭނާއަކީ އިސްލާމީ ރަންޒަމާނުގެ ހިސާބު ޢިލްމުވެރިއެކެވެ. ނުޖޫމީ ޢިލްމުވެރިއެކެވެ. އަދި ޠަބަޢީ ޢިލްމުގެ މާހިރެކެވެ.
އަހުރެމެންނަށް ކިޔަވައިދޭ ޓެކްސްޓް ފޮތްތަކުގައި ނަންގަނެފައިވާ ޒަމާނީ ސައިންސްގެ ބާނީންނަކީ ރޮޖަ ބޭކަންއާއި، ގެލިލިއޯ ގެލީލީއާއި، އަދި ރެނޭ ޑެސްކާޓެސް އެވެ. އެ ތިން މީހުންވެސް ދުނިޔެއަށް އުފަންވީ އިބްނު އަލް ހައިޘަމަށް ފަހު 600 އަހަރު ފަހުންނެވެ. އެ ތިން މީހުންވެސް، އޭނާގެ މަސައްކަތް ސީދާ ނުވަތަ ލެޓިން ތަރުޖަމާތަކުގެ ތެރެއިން ދިރާސާކުރިއެވެ. ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި ޔޫރަޕް އޮތް ޒަމާނުގައި، ސައިންޓިފިކް މަންހަޖު ޙަޤީޤަތުގައި އީޖާދުކުރި މީހަކީ، މިސްރުގެ ޤާހިރާގެ ކުޑަކުޑަ ކޮޓަރި ގަނޑެއްގައި އެކަނި މާއެކަނި އިނދެ މަސައްކަތް ކުރި މީހެކެވެ.
ދެން އޮތީ އެއްގޮތަކަށް ވެސް މީހަކު ނުދައްކާ ވާހަކައެވެ. އޭނާ އުފަންވީ މީލާދީން 01 ޖުލައި 965 ގައި، ޢިރާޤުކަރައިގެ ބަޞަރާއަށެވެ. ޢުމުރުން 40 އަހަރު ވީއިރު، އޭރު ދުނިޔޭގައި ތިބި ސިކުނޑިތަކުގެ ތެރެއިން އެންމެ މޮޅު، އެއް ސިކުނޑީގެ ގޮތުގައި މުޅި ޢަރަބިކަރައަށް އޭނާ މަޝްހޫރުވިއެވެ. އެކަމަކު، އޭނާއަށް ހެދުނު ގޯހަކުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. ނީލަ ކޯރުގެ ފެންގަނޑު ބޮޑުވުން ކޮންޓުރޯލު ކުރެވޭނެ ކަމުގެ އާންމު ދަޢުވާއެއް އޭނާ ކުރިއެވެ. އޭރު މިސްރުގެ ޤާހިރާގައި ހުންނެވި
މޮޔަ ޚަލީފާ އަލް ޙާކިމު ބިއަމުރި الله، އެކަން ކުރުމަށްޓަކާ އޭނާ މިސްރަށް ގެންނެވިއެވެ.
އިބުނު އަލް ހައިޘަމް ނީލަކޯރަށް އެއްފަހަރު ނަޒަރު ހިންގާލުމުން، އެ ޒަމާނުގެ ފަންނިއްޔާތާއެކު އެ މަޝްރޫޢަކީ މުސްތަޙީލު މަޝްރޫޢެއްކަން ވިސްނުނެވެ. ޚަލީފާ ވަނީ އެއަށްވުރެ ކުދިކުދި ކަންތައްތަކާ ގުޅިގެން ދޮޅަހަކަށް ޢިލްމުވެރިން ދަންޖައްސާ މަރާލާފައެވެ. އެކަމާމެދު ވިސްނުމަށްފަހު އޭނާ މޮޔައެއްކަމަށް ހެދުނެވެ. އެހެންކަމުން އޭނާއަކީ މޮޔައެއް ކަމަށް ޤަބޫލުކޮށް، ކުރިއަށް އޮތް 10 އަހަރު ދުވަހު، ޤާހިރާގައި ހުރި ޚަލީފާގެ އަމިއްލަ ގަނޑުވަރުގައި، އޭނާ ގޭބަންދުކޮށްފައި ބެހެއްޓިއެވެ. އެޙާލަތުގައި، ގިނަ މީހުންގެ ބުއްދި ގޯސްވެ، އަސްލުގައި މޮޔައިންނަށް ވެއެވެ. އެކަމަކު، އިބުނު އަލް ހައިޘަމް، އެ ވަގުތު ބޭނުންކުރީ ސައިންސީ އީޖާދުތައް ކުރުމަށެވެ.
އޭނާގެ ކުރިން، ޢިލްމު މަސައްކަތް ކުރީ އެއްގޮތަކަށެވެ. ކޮންމެވެސް މީހަކަށް ޙަވާލާ ދިނުމުން ނިމުނީއެވެ. އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ އެއްވެސް މީހަކު ތަޙުލީލެއް ނުކުރެއެވެ. އަރުސްޠޫ ބުނެފިނަމަ އެއީ ތެދެކެވެ. ގާލެން ލިޔެފިނަމަ އެއީ ރަނގަޅު އެއްޗެކެވެ. ޢިލްމުވެރިޔާގެ ދައުރަކީ ހިތުދަސްކޮށް، ޤަދީމީ ޔޫނާނީން ދިފާޢުކުރުމެވެ. އިބުނު އަލް ހައިޘަމް އެކަންތައް އެއްކޮށް ނައްތައިލިއެވެ. އޭނާގެ، "ކިތާބުލް މަނާޒިރު" ގައި ލިޔުނު އެންމެ ޖުމްލައަކުން 1400 އަހަރުވީ ފިކުރީ ސަޤާފަތް އެއްކޮށް ނައްތައިލިއެވެ.
އޭނާ ލިޔެފައިވެއެވެ. "ތެދު ޙަޤީޤަތް ހޯދާ ބާހިސަކީ، ޤަދީމީ ލިޔެކިއުންތަކަށް އިތުބާރު ކުރުމުގެ ގޮތުން، އޭނާގެ ޠަބީޢީ ޚުޞޫސިއްޔަތަށް ތަބާވާނެ މީހެއް ނޫނެވެ. ތެދު ޙަޤީޤަތް ހޯދާ ބާހިސަކީ، އެ ލިޔުންތަކާ މެދު ޝައްކުކޮށް، ސުވާލުކޮށް، ހަމައެކަނި ދަލީލުތަކާއި، ތަޖުރިބާގެ އަލީގައި، އެކަމަށް އެއްބަސްވާ މީހާއެވެ."
އިބުނު އަލް ހައިޘަމް، އެންމެ ޖުމްލައަކުން މިޒަމާނުގެ ސައިންސްގެ ބިންގާ އަޅައިދިނެވެ. އޭނާ އެވާހަކަ ލިޔުނީ، "ޢަޞްރުއް ނަހުޟާ" ނުވަތަ ޔޫރަޕްގެ ރެނެސަންސްގެ 600 އަހަރު ކުރިންނެވެ. ދެވަނަ ކަމަކަށް އޭނާ ކުރި ކަމަކީ ތަޖުރިބާ ކުރުމުގެ ޙަޤީޤީ މެޝިނަރީ ބިނާކުރުމެވެ.
އޭނާ ބާރުއެޅީ، ޖިސްމާނީ ދުނިޔެއާ ބެހޭ އެއްވެސް ދަޢުވާއެއް، އެއްވެސް މީހަކަށް ތަކުރާރުކޮށް ކުރެވޭނޭ ތަޖުރިބާއަކުން ޔަގީން ނުކުރެވޭހާ ހިނދަކު ބަލައި ނުގަނެވޭނެ ކަމަށެވެ. އޭނާގެ ފޮތުގައިވާ، ކޮންމެ ތަޖުރިބާއަކަށް ވަރަށް ތަފުޞީލީ އިރުޝާދުތަކެއް ދީފައިވެއެވެ. އޭނާގެ ފޮތް ކިޔާ މީހުންނަށް، އޭނާ ލިޔުމުން ބުނެދީފައިވަނީ، އޭނާގެ އެއްވެސް ލަފުޒެއް އޭގެ ޒާތުގައި ނުނެގުމަށެވެ. އާލާތްތައް އުފައްދާށެވެ! އަމިއްލައަށް ތަޙުލީލުތައް ކުރާށެވެ. އޭނާގެ ދަޢުވާތައް، ތިބާގެ އަމިއްލަ ލޮލުން ތެދުތޯ ބަލާށެވެ. އަދި، ދޮގެއްވެއްޖެ ނަމަ ނަފީކުރާށެވެ.
ތިންވަނަ ކަމަކަށް، އިބުނު އަލް ހައިޘަމް ކުރި ކަމަކީ ޠަބަޢީ ޢިލްމުގައި އެންމެ ގިނަދުވަސްތަކެއް ވަންދެން ދެމިއޮތް އެއް ސުވާލު ފުރޮޅައިލުމަށް އެ މަންހަޖު ބޭނުން ކުރުމެވެ. އެތައް ޤަރުނެއް ވަންދެން، ޔޫނާނީން އުގަންނައި ދެމުން ދިޔައީ، ލޮލުގެ ފެނުން މަސައްކަތް ކުރަނީ، ލޮލުން ދޫކުރާ، ހަމަ ލޮލަށް ނުފެންނަ ދޯދިތަކެއްގެ ސަބަބުން ކަމަށެވެ. އިބުނު އަލް ހައިޘަމް، ޔޫނާނީންގެ އެ ތިއަރީ ގޯސްކަން ސާބިތުކޮށްދިނީ އަނދިރި ކޮޓަރިއަކާއި، އެކޮޓަރީގެ ފާރާއި، އަދި އެފާރުގައި ހުރި ކުޑަކުޑަ ލޯވަޅަކުންނެވެ. އެއީ، ފުރަތަމަ އޮބްސްކިއުރާ ކެމެރާއެވެ. އޭނާ ސާބިތުކޮށްދިނީ ބޭރުން އަންނަ އަލި ލޮލަށް ވަންނަ ކަމެވެ. އެއީ، ޔޫނާނީ ކޮންމެ މުފައްކިރަކު އުނގަންނައި ދެމުން ދިޔަ ގޮތާއި ދިމާ އިދިކޮޅެވެ.
އޭގެ 200 އަހަރު ފަހުން، އޭނާގެ ފޮތް ސްޕޭނުގައި ލެޓިން ބަހަށް ތަރުޖަމާ ކުރެވުނެވެ. ރޮޖާރ ބޭކަން، އޭނާގެ ފޮތަށް ޙަވާލާ ދިނެވެ. ޔޯހަންނަސް ކެޕްލަރ އޭނާގެ ފޮތް ނަކަލު ކުރިއެވެ. ދުރުމީ ހެދުމަށްޓަކާ ގެލިލިއޯ ގެލީލީ ކުރި މަސައްކަތް ބިނާވެފައިވަނީ އޭނާގެ އޮޕްޓިކްސްގެ މައްޗަށެވެ. އައްޔާ ބެހޭ ގޮތުން، އައިޒަކް ނިއުޓަންގެ ބުނިޔާދީ މަސައްކަތް ބިނާވެފައި އޮތީ، އޭނާގެ އޮނިގަނޑުގެ މައްޗަށެވެ.
މިއަދު، ހުރިހާ ފިޒިކްސް ޑިޕާޓްމަންޓްތަކަށް ވަދެ ބަލަމާ ހިނގާށެވެ. އަދި، ސައިންޓިފިކް މަންހަޖު އުފެއްދީ ކާކުތޯ އަހާށެވެ. ގާތްގަނޑަކަށް އެއްވެސް މީހަކު، އިބުނު އަލް ހައިޘަމްގެ ނަމެއް ނުބުނާނެ އެވެ.
އިންސާނިއްޔަތަށް ޙަޤީޤަތުގައި ކަންކަން އެނގޭ ގޮތް އީޖާދުކުރި މީހާ، އެ މަސައްކަތް ކުރީ ގޭބަންދުގައި ހުރެގެންނެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. ތަޙުލީލުތައް ކުރާނޭ ލެބޯޓްރީއެއް ނެތެވެ. އަދި ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި މޮޔަ ޚަލީފާއަކު ހުރީ، އޭނާ މަރާލުމަށް ބަހަނާއެއްގެ އިންތިޒާރުގައެވެ. ކޮންމެ ގޮތެއްގައިވެސް، އިބްނު އަލް ޙައިޘަމް، އޭނާގެ މަސައްކަތް ފުރިހަމަކުރި އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.