Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ދިފާއީ ގުޅުން އިތުރުކުރަން އޮސްޓްރޭލިއާ މަޝްވަރާކޮށްފި

ދިފާއީ އެއްބާރުލުން އިތުރުކުރަން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އެއްބާރުލުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ. ޚާއްޞަކޮށް، ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ދިފާޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

ރާއްޖޭގެ ދިފާޢީ ދާއިރާ ކުރިއެރުވުމަށް އޮސްޓްރޭލިޔާއިން ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މީގެއިތުރުން، ދެ ޤައުމުން އިސްކަންދޭ ސަލާމަތީ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދޭދޭ ގުޅުން އިތުރަށް ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.