Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

އިދިކޮޅު ޕާޓީތަކަށް ބިރުދެއްކުން އާންމު ކަމަކަށް ހަދައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އިދިކޮޅު ޕާޓީތަކަށް ބިރުދެއްކުން އާންމު ކަމަކަށް ސަރުކާރުން ހަދާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީން މިދިޔަ މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމުގެ ތުހުމަތުގައި އެ ޕާޓީގެ އެކްޓިވިސްޓު މައިމޫން މުހައްމަދު މާދަމާ ހެނދުނު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރެންޑަމްގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު ސަރުކާރުގެ މަގުބޫލުކަން ކުޑަވުމުން، ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި ޕާޓީތަކަށް އަދި މީޑިއާއަށް ބިރު ދެއްކުން އާންމު ކަމަކަށް ސަރުކާރުން ހަދާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މައިމޫން އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ މައިމޫން ފަދަ ހިތްވަރުގަދަ އެމްޑީޕީގެ ހަރަކާތްތެރިންނަށް ބިރު ދައްކަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ފަހަތަށް ޖެހޭ ޕާޓީއެއް ނޫން. މިޕާޓީގެ ހަރަކާތްތެރިންނާ މެމްބަރުންނަކީ އަމުދުން ދައްކާ ބިރަށް ފަސްޖެހޭނެ ބައެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ޗިޓުގައިވާ ގޮތުން މައިމޫން ހާޒިރުކުރަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިފައިވާ މައްސަލައެެއްގަ އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމުގެ ތުހުމަތު މައިމޫންގެ މައްޗަށް ކޮށްފައިވެ އެވެ.