Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

އެމްޑީޕީގެ މައްސަލަތައް ހައްލުކުރެވޭނީ ރޫޅާލި ބަޔަކަށް

ނަޝީދާއި، ޝިފާޒު ޖަލްސާއެއްގައި - ފޮޓޯ: މިހާރު

އެމްޑީޕީގެ މައްސަލަތައް ހައްލުކުރެވޭނީ އެ ޕާޓީ ރޫޅާލި ބަޔަކަށް ކަމަށް، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅޭގޮތުން "ސަންގު ޓީވީ"ގައި ވާހަކަދައްކަމުން ޝިފާޒު ވިދާޅުވީ އެއްޗެއް ރޫޅާލަނީ އޭގައި މައްސަލަތަކެއް ހުރުމުން ކަމަށާއި އެ މައްސަލައެއް ހައްލުކުރަން އެނގޭނީ ރޫޅާލުމުން ކަމަށެވެ. އެ ނޫން ގޮތަކަށް އެ މައްސަލައެއް ދެނެނުގަނެވޭނެ ކަމަށާއި އަދި އެ މައްސަލަ ހައްލުކުރެވޭނީ ވެސް އެ ރުޅާލި ބަޔަކަށް ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"މިހާރު ހަމަ ރީތިކޮށް މި ޕާޓީއަށް ވީގޮތް އެ ބަޔަށް އެނގޭ. ހަމަ ރީތިކޮށް މެނިފެސްޓޯއެއް އެއް އެކުލަވާލާފައި އެ މެނިފެސްޓޯގެ މައްޗަށް ވެރިކަން ކުރާށޭ ބުނީމަ، އޭތި އެއްފަރާތް ކުރި ވެރިއެއްގެ ވާހަކަ އަޅުގަނޑުމެން ދައްކަން މިޖެހެނީ،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ އެހެން ގޮތްގޮތަށް ވާހަކަ ދައްކަނީ އެކަންކަން "ހަޖަމު" ނުވެގެން ކަމަށާއި ދެން ޖެހޭނީ އެފަދަ ބޭފުޅުން ޓްރެކަށް އަޅުވަން ކަމަށެވެ. އަދި ދުރުގައި ތިބެގެން ވީކަމެއް ނެތް ކަމަށާއި މިކަން ކުރާނެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވީ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެގޮތުން މި މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، 2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޖެހުނު މައްސަލަތަކާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ވެސް ނަޝީދު އުފެއްދެވި އެވެ.

އެގޮތުން ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު މީގެކުރިން ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް ޑިމޮކްރެޓްސް ދޫކޮށް ނަޝީދާއެކު ބައެއް ބޭފުޅުން ވަނީ މިދިޔަ އަހަރު އެނބުރި އެމްޑީޕީއާ ގުޅިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ. މީކާއިލް ވަނީ އެ މަގާމަށް އަންނަނީ އެމްޑީޕީ ބޮޑުކޮށް ރާވާލަން ކަމަށް ވިދާޅުވެފަ އެވެ.