Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ބަޔާން ކަޓުވާލައި ޕީއެސްޖީ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލައި، އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން އަނެއްކާވެސް ފައިނަލަށް ދަތުރުކޮށްފި އެވެ.

ޕީއެސްޖީން ފައިނަލަށް ދަތުރުކުރީ ރޭ ބަޔާން ދަނޑުގައި ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުކޮށް، އެގްރިގޭޓް 6-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން ފައިނަލުގައި ކުޅޭނީ މި މަހު 30 ވަނަ ދުވަހު އާސެނަލާ އެެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޖޯޖިއާގެ ހުނަރުވެރި ކުޅުންތެރިޔާ ކްވިޗާ ކްރަވަޝްކޭލިއް އަރިމަތިން ނަގައިދިން ބޯޅައަކުން ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު ބަޔާންގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެގޮތުން ޕީއެސްޖީގެ އޭރިއާ ތެރެއިން އެޓީމުގެ ޖުއާއޯ ނެވޭސް އަތުގައި ބޯޅައިން ޖެހުމުން ޕެނަލްޓީއެއް ނުދިނުމާއި ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭސް އަށް ދެ ވަަނަ ރީނދޫ ކާޑެއް ނުދެއްކި ނިންމުން ހިމެނެ އެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ކުޅުނު ނަމަވެސް ޕީއެސްޖީގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭ ހެރީ ކޭން ބަޔާންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އެގްރިގޭޓުން ކުރި ނުލިބުމުން ބަޔާން ވަނީ ކަޓައިފަ އެވެ.