ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ތިލަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ފެސިލިޓީގެ ބިންގާ އަޅުވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. އަލީ ޝަރީފެވެ.
މިއީ މޯޕާ ސައިކަލްގެ ދަށުން ކުރިޔަށް ގެންދާ ފުރަތަމަ ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީއެވެ.
މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކް ރީސައިކަލް ކުރުމަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކޮންމެހެން ކުރުން މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންވެ އެ ފެސިލިޓީ ގާއިމުކޮށް ނިންމުމުން އިގްތިސޯދު ޑައިވާސިފައި ކުރުމަށް އިތުރު މަގުތަކެއް ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ރަށްތަކުން ޕްލާސްޓިކް މަދުވެގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ވަރަށް މުހިންމު އިނިޝިއޭޓިވްއެއް. އެ ބޭފުޅުން ދެންނެވިހެން ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާފައި، އެހެން ސެކްޓާތަކުން ވެސް މި އެލައިންސްއަށް ޖޮއިންކުރެވިގެން، އިތުރަށް މި ފުޅާ ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ކުނީގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. ހާއްސަކޮށް އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެސް އެކި ކަހަލަ ފިޔަވަޅުތަައް އަޅާފައިވެ އެވެ.