އައްޑު އާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ފޯރަމް އޮންނާނީ މި މަހުގެ 13 އާއި 14 ގައި އައްޑޫގަ އެވެ.
ރައީސް އޮފީހުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް 2027-2029 އަށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެހެންވެ އެ އަމާޒު ހާސިލްކުުރުމަށްޓަކައި ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ވިޔަފާރިވެރިންނާ އެކު ބާއްވާ ފޯރަމަކީ ވަރަށް މުހިއްމު އިވެންޓަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީ އަށް ނިސްބަތްވާ މާލޭގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މި ފޯރަމް ކުރިއަށް ގެންދަން ގަސްތު ކުރަނީ." ސައީދު ވިދާޅުވި އެވެ.
ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރަށް ލޭބާ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ ފަދަ ތަންތަނުން ވެސް ބައިވެރި ވާނެ އެވެ.
ސައީދު ވިދާޅުވީ ފޯރަމް ދަތުރުގެ ތެރޭގައި ހިތަދޫ ޕޯޓް ސަރަޙައްދުގައި ތަރައްގީކުރާ ފްރީ ޒޯން މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ވެސް އެމްޕީއެލުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދޭން ނިންމާފައިކަން ވެސް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން މި ގެންނަ ބަދަލު ޖެނުއަރީ 1، 2027 އިން ފެށިގެން ތަންފީޒުވާން ފަށާނެ ކަމަށާއި އެކަމަށް ގާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަން މި އަހަރުގެ ތެރޭގައި ހަމަޖައްސައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ އެކެއް ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ކަން އިއުލާންކުރަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑު އަށް މި ފަހިކޮށްދޭ ފުރުސަތާ އެކު އައްޑޫ އައިޓީ ހަބަކަށްވެ އެތައް ވަޒީފާތަކަކާއި ފުރުސަތުތަކެއް ވެސް ހުޅުވި އިގުތިސާދީ ގޮތުން އެތައް ކުރިއެރުމެއް އަންނާނެ ކަމަށެވެ.
"މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ސަރުކާރުން ދައުވަތު ދެން." ރައީސް ވިދާޅުވި އެވެ.