Last Updated: July 11, 10:01
Saturday, July 11, 2026
ޚަބަރު

ޑޮލަރު ވިއްކުން އިތުރު، ވިޔަފާރިތައް ވެސް ރަނގަޅު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ވިއްކި ޑޮލަރުގެ އަދަދު އިތުރުވެ އެކަމުން ދައްކުވައި ދެނީ ވިޔަފާރިތައް ރަނގަޅުވަމުން އަންނަކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ވިއްކި މުއާމަލާތްތައް މިދިޔަ އަހަރާ އަޅާބަލާ އިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

"އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީއޭ. ޑޮލަރު ބޭނުންވާ ނިސްބަތް އިތުރުވަނީ. ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ، ސައީދު ވިދާޅުވި އެވެ. "ދެން ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ، އިތުރު ޑޮލަރު ބޭނުން ވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭނީ."

ގައުމީ ބޭންކިން އެންމެ ފަހުން އާންމުކުރި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް މި އަހަރު ތެރޭ 296 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ވިއްކީ 566 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑުތަކަށް މިދިޔަ މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި އަހަރުގެތެރޭ އެވްރެޖުކޮށް މަހަކު 40 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ވިއްކި ކަމަށށއި؛ މިދިޔަ އަހަރު އެ އަދަދު އުޅުނީ 33 މިލިއަން ޑޮލަރުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.

މިދިޔަ މަހުގެ ނިޔަލަށް ޓީޓީއަށް 136 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، މަހެއްގެ މައްޗަށް އެވްރެޖުކޮށް 34 މިލިއަން ޑޮލަރު ޓީޓީއަށް ވިއްކަ އެވެ. އަދި މިދިޔަ އަހަރު ޓީޓީއަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، އެއީ އެވްރެޖުކޮށް މަހަކު 15 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.