ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ޙައްތަރު 'ޖުގާޅް' ކިޔާ ކޮމެޑީ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މުމްބާއީގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ރަމޭޝް ތައުރާނީގެ ޓިޕްސް ފިލްމްސް އާއި ކުރީގެ އެކްޓަރު ހަރްމަން ބަވޭޖާގެ ބަވޭޖާ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ.
'ޖުގާޅް' ގެ ޑައިރެކްޓަރަކީ ޕަލަޝް ވަސްވާނި އެވެ. އޭނަ އަކީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ސޮނީ ލިވް އަށް ގެނެސްދިން ސީރީޒް ބަޅާ ނާމް ކަރޭގާ ގެ ޑައިރެކްޓަރެވެ.
'ޖުގާޅް' އިން ޕަންޖާބީ ބަތަލާއެއް ކަމަށްވާ ތާނިއާ ބޮލީވުޑަށް ތައާރަފުވާ އިރު، މީގެ ކާސްޓްގައި އަބީޝެކް ބެނަޖީ، ޖަމީލް ޚާން، ވައިބާވް ރާޖް ގުޕްތާ، ޔާމިނީ ދާސް، ސުކްވިންދަރު ޗާހަލް އަދި ނިރްމަލް ރިޝީ ފަދަ ތަރިން ފަންނާނުން ހިމެނެ އެވެ.
މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން، 30، ގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާ އިން މި އަހަރުގެ އޮސްކާ އެވޯޑްސް އަށް ފޮނުވި މިދިޔަ އަހަރުގެ 'ހޯމްބައުންޑް' އެވެ. އިޝާންގެ އެކްޓިން ކެރިއަރުގެ ފެށުމަކި އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ 2017 ގެ 'ބިޔޯންޑް ދަ ކްލައުޑް' ނަމަވެސް އޭނަ ބޮލީވުޑަށް ތައާރަފުވީ 2018 ގެ ފިލްމު 'ދަޅަކް' އެވެ.