ބަންކަރިންގެ ހިދުމަތުން މިހާތަނަށް ދައުލަތަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރީލްގެ ނިޔަލަށް ދައުލަތަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ
"ދެ އަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ،" ސައީދު ވިދާޅުވި އެވެ. "ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ."
އޭނަ ވިދާޅުވީ، ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 90 ޕަސަންޓު ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮކަމަށެވެ. އަދި ބަންކަރިން ހިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަ އޮއިލް އެވެ.
އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު 18 މިލިޔަން ލީޓަރު އިތުރެވެ.
ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް 2024 ގެ ސެޕްޓެމްބަރު މަހު ފެށި ހިދުމަތަކެވެ. އެ ހިދުމަތް އޮފްޝޯކޮށް ދެނީ އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށެވެ. ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން އެ ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ޔޫއޭއީގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.