Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

ބޮބީގެ 'ބަންދަރު' ގެ ޓީޒާ ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮބީ ޑިއޯލްގެ އާ ފިލްމު 'ބަންދަރު' ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފަހުން ފިލްމުތަކުގައި ވަރުގަދަ ސަޕޯޓިން ރޯލުތަކެއް ކުޅެމުން އަންނަ 57 އަހަރުގެ އެކްޓަރު ލީޑުން ފެންނާނެ އާ ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. 'ބަންދަރު' އަކީ އަނޫރާގާ އެކު ބޮބީ މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ.

މީގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސަޕްނާ ޕައްބީ، ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސާބާ އާޒާދު، އިންދަރުޖީތު ސުކްމަރަން، ރިދީ ސެން، ޖޯޖޫ ޖޯޖް، ރާން ބީ ޝެޓީ އަދި ޖިތެންދުރަ ޖޯޝީ ހިމެނެ އެވެ.

'ބަންދަރު' އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، މި ފިލްމު މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ޕްރީމިއާކޮށްފައިވެ އެވެ.

ގޭންސްގް އޮފް ވަސޭޕޫރް އާއި ބްލެކް ފްރައިޑޭ އާއި ދޭވް ޑީ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގުގެ ފިލްމަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ މިދިޔަ ފެބްރުއަރީ މަހު ޒީ5 އިން ޕްރީމިއާކުރި 'ކެނެޑީ' އެވެ. އެ އެކްޝަން ތުރިލާގެ ތަރިންނަކީ ރާހުލް ބަޓާއި ސަނީ ލިއޯން އެވެ.