Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ހާލަތަށް ބަލާފައި ވައުދުތަކަށް ބަދަލު ގެންނާނެ: މުންދު

އެ އިރެއްގައި އޮންނަ ހާލަތަކަށް ބަލާފައި ވަޢުދުތަކަށް ބަދަލު ގެންނާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސާ ވިތް ސްޕޮކްސް ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތައް އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އެ ވަޢުދުފުޅުތަކަކީ ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކެއް ކަމަށްވާއިރު، އަމަލީ މައިދާނަށް ނުކުމެ ޙާލަތަށް ބަލައި ބައެއް ކަންކަން މުރާޖަޢާކުރަން ޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ އިންތިޤާލީ މަރުހަލާގައި ރައީސް ހާމަކުރެއްވި އަމާޒެއް ކަމަށް މުންދު ވަނީ މިއަދުވެސް ތަކުރާރު ކުރައްވާފަ އެވެ.

"ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޗުއޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސް ވެސް ކޮށްފައި ބޭސްޑް އޮން ސިޗުއޭޝަން. އެމްބިޝަސް ވެސް ކޮށްފައި ހުންނާނެ ބައެއް ކަންކަން. 700 އަކީ އޭރުގައި ނެރުނު ފިގާއެކޭ. ވަޢުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނެ ލިސްޓްކުރެވިފައި،" މުންދު ވިދާޅުވި އެވެ.

މީގެ އިތުރުން، މުންދު ވަނީ ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފަ އެވެ.