ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނަކު ހޮވައިފި ނަމަ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުގެ ފުރުސަތު އެބައޮތްކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލްގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު މީގެކުރިންވެސް އަދާކުރައްވާފައިވާ، ކުރީގެ ރައީސް، މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަން ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ.
މީކާއީލްގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ މައިގަނޑު އަމާޒަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އެމްޑީޕީ އެކަތިގަނޑަކަށް ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށްގެން ހުރި ކެންޑިޑޭޓަކު އިންތިހާބު ވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑު،" މީކާއިލް ވިދާޅުވި އެވެ.
މީކާއީލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ނަތީޖާއާއެކު މެންބަރުން މާޔޫސްވެފައިވާކަން ގަބޫލުކުރައްވާފަ އެވެ. އަދި ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެ، ބައިބައިވުންތައް އުފެދި، ލީޑަރުން އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ކަންބޮޑުވުން މެންބަރުންގެ ތެރޭގައި އޮތްކަން މީކާއިލް ފާހަގަކުރެއްވި އެވެ.
އޭގެ ސަބަބުން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރަން ދަތިވެ، މެންބަރުންގެ ހިތްވަރަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް މީކާއިލް ވިދާޅުވިއެ ވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެއީ އެމްޑީޕީ އެކަތިގަނޑަކަށްވެއްޖެ ނަމަ، ހާސިލުކުރެވޭނެ ކަންކަން ހާމަވި ކަމެއް ކަމަށެވެ.
ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީގެ ސަފުތައް ބަދަހިކޮށް، ވަގުތުން 2028 އަށް ތައްޔާރުވާން ފަށާނެ ކަމަށާއި އޭނާގެ ލީޑާޝިޕްގައި 2028 ގެ ކާމިޔާބީއާ ހަމައަށް އެމްޑީޕީ ގެންގޮސްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް މީކާއިލް ވިދާޅުވި އެވެ.