އިސްލާމް ދީނަކީ އިންސާނާގެ އަބުރާއި، ނަސަބާއި، އަދި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިމާޔަތް ކުރުމަށް ނުހަނު ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދީނެކެވެ. މިގޮތުން، މުޖުތަމަޢު ފަސާދަކުރާ އެންމެ ބޮޑު އެއް ފާފަ ކަމުގައިވާ ޒިނޭއިން ސަލާމަތްވުމަށް ދީން ބާރުއަޅާއިރު، އެކަމުގެ އަދަބު ކަނޑައެޅުމުގައިވެސް ނުހަނު ވަރުގަދަ އުޞޫލުތަކެއް ވަނީ ކަނޑައަޅައި ފައެވެ.
ޒިނޭއަކީ ކޮބާ؟
ޝަރުޢީ އިޞްޠިލާޙުގައި ޒިނޭ އަކީ، ކައިވެނީގެ ޞައްޙަ ޢަޤުދަކާ ނުލައި، ނުވަތަ ޝުބުހައެއް ނެތި، ފިރިހެނަކާއި އަންހެނަކު ހިންގާ ޖިންސީ ގުޅުމެވެ. މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ، "ކަބާއިރު" ނުވަތަ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކީރިތި ޤުރްއާން:
ޒިނޭގެ ކުށް ސާބިތުކުރުމަށް ހަތަރު ހެކިން ބޭނުންވާނެކަން ކީރިތި ޤުރްއާނުގެ ސާފު ނައްޞުން އެނގެން އޮވެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. "وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً…" (ސޫރަތުއްނޫރު: 4) މާނައީ: "ޢިއްފަތްތެރި އަންހެނުންނަށް ޒިނޭގެ ތުހުމަތު އަޅުވައި، އެކަމުގެ މައްޗަށް ހަތަރު ހެކިން ނުގެންނަ މީހުންނަށް އަށްޑިހަ އެތިފަހަރު ޖަހާށެވެ."
މި އާޔަތުން އެނގޭ ގޮތުގައި ހަތަރު ހެކިން ނުގެނެވޭ ނަމަ، ތުހުމަތު ކުރި މީހާގެ މައްޗަށް ޤަޛްފުގެ ޙައްދު ޤާއިމު ކުރަން ޖެހެ އެވެ.
ރަސޫލާގެ ސުންނަތް:
ރަސޫލާ صلى الله عليه وسلم ގެ ސީރަތުންނާއި ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ޒިނޭގެ ޙައްދު ޤާއިމުކުރުމުގައި އެކަލޭގެފާނު ނުހަނު ބޮޑަށް އިޙްތިޔާޠު ކުރެއްވިއެވެ. ހެކިބަސް ދޭ މީހުންނާ ސުވާލުކުރައްވައި، ކަން ހިނގި ގޮތް ނުހަނު ސާފުކޮށް އެނގެން އޮތުމުން މެނުވީ ޙައްދު ޤާއިމެއް ނުކުރައްވައެވެ. އަދި ޝުބުހައެއް އޮތް ނަމަ ޙައްދުތައް ދޫކޮށްލުމަށް (ادرؤوا الحدود بالشبهات) އިރުޝާދު ދެއްވާފައިވެ އެވެ.
ޒިނޭގެ ކުށް ސާބިތު ކުރެވޭ ގޮތްތައް:
އިސްލާމީ ފިޤުހުގައި ޒިނޭ ސާބިތުކުރެވޭ މައިގަނޑު ގޮތްތަކަކީ:
ހަތަރު ހެކިން: މި ހަތަރު ހެކިންނަކީ މުސްލިމް، ބާލިޣު، ބުއްދި ސަލާމަތުން ހުރި، އަދުލުވެރި ފިރިހެނުން ކަމުގައި ވާންޖެހެއެވެ. އެމީހުން ހެކިބަސް ދޭން ވާނީ އެ ޢަމަލު ހިނގި މަންޒަރު ހަމަލޮލަށް ފެނުނު ކަމަށެވެ.
އިޢުތިރާފުވުން: ކުށް ކުރި މީހާ އަމިއްލައަށް އެކަމަށް އިޢުތިރާފުވުމެވެ. ބައެއް މަޛްހަބުތަކުގައި ހަތަރު ފަހަރު އިޢުތިރާފުވާން ޖެހެ އެވެ.
މާބަނޑުވުން: ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، ކައިވެންޏަކާ ނުލައި އަންހެނަކު މާބަނޑުވުމަކީ ޒިނޭގެ ހެކިބަހެއްގެ ގޮތުގައި ބެލެވިދާނެއެވެ (މިއީ ބައެއް ޝަރުޠުތަކާއެކުގައެވެ.)
ފިޤުހު ޢިލްމުވެރިންގެ ބަސްފުޅުތަކާއި ރާޖިޙު ރައުޔު:
ޖުމްހޫރު ޢިލްމުވެރިން (ހަނަފީ، މާލިކީ، ޝާފިޢީ އަދި ޙަންބަލީ މަޛްހަބު) އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ހެކިބަހުން ޒިނޭ ސާބިތުކުރަން ބޭނުންވާ ނަމަ ހަތަރު ފިރިހެނުންގެ ހެކިބަސް ބޭނުން ވާނެ އެވެ. މިއީ އެހެން ކުށްތަކާ ޚިލާފަށް ޒިނޭގައި އޮންނަ ޚާއްޞަ ޝަރުޠެކެވެ. އަންހެނުންގެ ހެކިބަހުން ޒިނޭގެ ޙައްދު ސާބިތެއް ނުކުރެވޭނެއެވެ.
ރާޖިޙު ރައުޔަކީ، ޝަރުޢީ ގޮތުން "ޙައްދު" ޤާއިމު ކުރުމަށްޓަކައި ކީރިތި ޤުރްއާނުގައި އައިސްފައިވާ ފަދައިން ހަތަރު ހެކިންގެ ހެކިބަސް ބޭނުންވާނެ ކަމެވެ. ނަމަވެސް، ޒަމާނީ ވަސީލަތްތަކާއި ޤަރީނާތަކުގެ އެހީގައި މިސާލަކަށް DNA ތަޢުޒީރީ އަދަބެއް ދިނުމަށް ބައެއް ޢިލްމުވެރިން ފުރުޞަތު ދެއްވައެވެ.
އެހެނަސް، މީހާ ރަޖަމްކުރުން ފަދަ ބޮޑު ޙައްދެއް ޤާއިމުކުރެވޭނީ ހަތަރު ހެކިންނަށް ފެނިގެން ދޭ ހެކިބަހުން ނުވަތަ އިޢުތިރާފުން އެކަންޏެވެ.
މަޒުމޫނުގެ ޚުލާޞާ:
އިސްލާމް ދީނުގައި ޒިނޭގެ ކުށް ސާބިތުކުރުމަށް ހަތަރު ހެކިން ޝަރުޠު ކުރައްވައިފައި ވަނީ މީސްތަކުންގެ އަބުރާއި ޢިއްފަތް ރައްކާތެރި ކުރުމަށެވެ. މިއީ އެއްވެސް މީހަކަށް ފަސޭހަކަމާ އެކު އަނެކާގެ ބޮލުގައި އިލްޒާމް އެޅުވިޔަ ނުދިނުމަށްޓަކައި ލައްވައިފައިވާ ރަޙްމަތެކެވެ. މިކަމުން ދޭހަ ވަނީ އިސްލާމް ދީނަކީ ޢަދުލުވެރިކަމުގެ ދީން ކަމާއި، ޙައްދުތައް ޤާއިމު ކުރުމުގެ ކުރިން ކުށް ސާބިތުކުރުމުގައި އޮތް ހަރުދަނާ އުޞޫލުތަކެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.