Last Updated: July 11, 12:07
Saturday, July 11, 2026
ދުނިޔެ

ޗައިނާގެ ކުރީގެ ދެ މިނިސްޓަރަކަށް މަރުގެ ހުކުމް

ޗައިނާގެ ކުރީގެ ދެ ޑިފެންސް މިނިސްޓަރަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

މަގާމުގެ ދުވަސްވަރު ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، އެ ގައުމުގެ މިލިޓަރީ ކޯޓުން މިއަދު ހުކުމްކުރީ ވެއި ފެންގީ، 72، އާއި ލީ ޝަންގްފޫ، 68، ގެ މައްޗަށެވެ.

ވެއި ޑިފެންސް މިނިސްޓަރުކަން ކުރެއްވީ މާޗް 19، 2018 އިން މާޗް 12، 2023 އަށެވެ.

ރިޝްވަތުގެ ތުހުމަތާ ގުޅިިގެން އޭނަ މަގާމުން ވަކިކޮށް އެ އަހަރުގެ މާޗް މަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރީ ލީ އެވެ. ނަމަވެސް އޭނަގެ މައްޗަށް ވެސް ރިޝްވަތުގެ ތުހުމަތު ކުރެވި، މަގާމުން ވަކިކުރީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުގެ މަރުގެ ހުކުމް އިއްވި ނަމަވެސް އެ މީހުންގެ މައްޗަށް ތަންފީޒު ކުރާނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. އަދި އެ ހުކުމަށް ލުއެއް ވެސް ނުދޭނެ އެވެ.

ރިޝްވަތުގެ ކުށް ސާބިތުގެ ކުރީގެ ދެ މިނިސްޓަރުންގެ މައްޗަށް ހުކުމް އިއްވި އިރު، އެ މީހުންގެ މުދާތައް ވެސް ވަނީ ދައުލަތަށް ވަނީ ނަގައިފަ އެވެ.