ސައިފް އަލީ ޚާންގެ ފިލްމު "ކަރްތާވިއާ" ގެ ޓްރެއިލާ ދައްކާލައި، ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ މި ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 15 އެވެ.
ސައިފް ފުލުހެއްގެ ރޯލު ކުޅެފައިވާ "ކަރްތާވިއާ" އަކީ ކްރައިމް ޑްރާމާއެކެވެ. ޕުލްކިތު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ރާސިކާ ޑުއްގަލް އެވެ.
ސައިފްގެ "ކަރްތާވިއާ" މި މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޭނަގެ އެހެން ފިލްމެއް ވެސް ނެޓްފްލިކްސް އަށް އަންނަން އެބައޮތެވެ. އެއީ "ހަމް ހިންދުސްދާނީ" އެވެ. މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭ ސައިފްގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ތުރިލާ "ހައިވާން" އެވެ.
ސައިފްގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ ހެއިސްޓް އެކްޝަން ތުރިލާ "ޖުވެލް ތީފް" އެވެ.