Last Updated: May 16, 09:46
Thursday, May 16, 2024
ޚަބަރު

ނާޒިމްގެ މައްސަލަ ބެލި ތިން ފަނޑިޔާރުން ތިއްބަވާނީ މާލޭ ގޮފީގައި، ހައި ކޯޓުގެ އެހެން ގޮފިތައް އުވާލަނީ!

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ހައި ކޯޓުގެ މާލޭ ގޮފީގައި ތިބޭ ގޮތަށް ހަމަޖައްސައި، އެ ކޯޓުގެ އެހެން ގޮފިތައް އުވާލަން ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި، ހައި ކޯޓުގެ އުތުރު ގޮތްޕަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ފައިލްތައް މިހާރު ވަނީ އަނބުރާ މާލެ ގޮތްޕަށް ގެނެސްފައެވެ. ހައި ކޯޓުގެ އުތުރު ގޮފި ޤާއިމްކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ފަހަނަޅައި ގޮސްފައިވާއިރު މިހާތަނަށް ވެސް އެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތްކުރައްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެކަމަނާގެ ކަންބޮޑުވުންތައް ފާޅުކޮށް ހައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވާއިރު، ވަރަށް އަވަހަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެއެވެ.

އަދި ޑރ.އަޒްމިރަލްދާ މަޤާމުން އިސްތިޢުފާ ދެއްވުމުން ހައި ކޯޓުގެ ދެކުނު ގޮފި ވެސް އުވާލައި، އެ ކޯޓުގައި ތިބި ފަނޑިޔާރުން ކަމަށްވާ ޢަބްދުލްޣަނީ މުޙައްމަދު އާއި ޝުޢައިބު ޙުސައިން ޒަކަރިއްޔާ މާލެއަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ހައި ކޯޓުގެ މިދިޔަ އަހަރު އިސްތިއުނާފަށް ހުށަހެޅި 415 މައްސަލައިގެ ތެރެއިން އެ ކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮތްޕަށް ހުށަހަޅާފައިވަނީ އެންމެ 58 މައްސަލަ އެވެ.

ރާއްޖޭގެ 2 ސަރަހައްދެއްގައި ހައި ކޯޓުގެ ގޮފިތައް ޤާއިމްކޮށްފައި ވަނީ، ހައި ކޯޓުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާއި މެދު ނުރުހުން ފާޅުކޮށް ވަކި ބަޔަކު ބާކީ ކޮށްލުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

މިދިޔަ އަހަރު ހައި ކޯޓަށް އިސްތިއުނާފަށް 415 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 358 މައްސަލަ ހުށަހަޅާފައި ވަނީ މާލޭގައި ހުންނަ ހައި ކޯޓުގެ ގޮތްޕަށެވެ. އުތުރު ގޮތްޕާއި ދެކުނު ގޮތްޕަށް ހުށަހަޅާފައިވަނީ އެންމެ 58 މައްސަލަ އެވެ.