Last Updated: July 11, 12:07
Saturday, July 11, 2026
ދުނިޔެ

އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފި

އިރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެމެރިކާގެ މަނަވަރުތަކެއް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، އީރާނުން ގިނަ އަދަދެއްގެ މިސައިލާއި، ޑްރޯން އަދި ކުދި އުޅަނދުތައް ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް، މި ކުރިމަތިލުމުގައި އެމެރިކާގެ އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އަދި އެމެރިކާގެ ފައުޖުތަކަށް ހަމަލާދިނުމުގައި ބައިވެރިވި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރައްދު ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި މިސައިލާއި ޑްރޯން ފޮނުވާ ސަރަހައްދުތަކާއި، ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ އިތުރުން، ޖާސޫސީ މަޢުލޫމާތު އެއްކުރާ މަރުކަޒުތައް ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.

މި ހަމަލާދިން ނަމަވެސް މިއީ ހަނގުރާމަ އަލުން ފެށުނީ ނޫން ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އިރާނުން ވަނީ މި ހަމަލާއާއެކު ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާއި އެމެރިކާއިން ހިލާފުވެފައިވާ ކަމަށާއި މި ހަމަލާތަކުގެ ރައްދު ދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އެގައުމުގެ ބައިވެރިންނަށް ދީފަ އެވެ.

އެމެރިކާއިން އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކަމަށް ބުނެ މީގެކުރިން އެމެރިކާގެ އަސްކަރިއްޔާއިން އޮޕަރޭޝަނެއް ވެސް ފެށި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އެންމެފަހުން މިހާރު ވަނީ އެ އޮޕަރޭޝަން މެދުކަނޑާލާފަ އެވެ.

މީގެ ދެ މަސް ކުރިން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ފެތުރި، ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް ވަނީ އަރައިފަ އެވެ.