Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ވަލްވާޑޭ އާއި ޗުއަމެނީ މެދުގައި މާރާމާރީއެއް

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އައުރެލިއަން ޗުއަމެނީ އާއި ފެޑެރީކޯ ވަލްވޭޑޭގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ރެއާލުން ބަލަން ފަށައިފި އެވެ.

ވަލްވޭޑޭ އާއި ޗުއަމެނީގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އެ ގޮތުން، ބުދަ ދުވަހުގެ ޓްރެއިނިންގެ ތެރެއިން ވަލްވޭޑޭ އާއި ޗުއަމެނީ މެދުގައި ޒުވާބުތަކެއް ހިނގައި، ދެ ކުޅުންތެރިން މެދުގައި ކޮންމެ ވެސް މިންވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ.

އޭގެ ފަހުން، އިއްޔެގެ ޓްރެެއިނިން ތެރޭގައި ވެސް ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އެ މައްސަލަ އިތުރަށް ގޯސްވީ، ޗޭންޖިން ރޫމަށް ދިޔަ ފަހުންނެވެ. އެގޮތުން ޗުއަމެނީ އާއި ވަލްވޭޑޭގެ މި މާރާމާރީގެ ތެރެއިން، ވަލްވޭޑޭގެ ބޮލަށް އަނިޔާތަކެއް ލިބުނުއިރު، އޭނާ ވަނީ އެ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.

ވަލްވާޑޭއާއި ޗުއަމެނީގެ މައްސަލަ ބަލާނެ ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ އިރު، ހިނގާ ދިޔަ ކަންކަން ދިމާވި ސަބަބެއް އަދި އެކަންކަމުގެ ތަފްސީލެއް ވެސް ރެއާލުން ހާމަކޮށްފައެއް ނުވެ އެވެ.

ރެއާލަށް މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިފައިވާއިރު، މި ސީޒަނުގެ މެދުތެރެއިން ކޯޗު ޒަބީ އޮލޮންސޯ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.