ޑިއާ މީކާއީލް އަހުމަދު ނަސީމު،
ތިޔައީ ތަޢުލީމީ ޒުވާނެއް، އަދި އެއީ އަޅުގަނޑު ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ. ތިބޭފުޅާގެ ހިތްވަރާއި، އަޒުމާއި، އުޅުމުގެ ސްޓައިލަކީ ދެވަނައެއް ނެތް އެއްޗެކެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ތިޔައީ މަތީ ތަޢުލީމާއި އަދި ސިޔާސީ ގޮތުން ބޮޑު ފުރުޞަތުތަކެއް ލިބިފައިވާ ބޭފުޅެކެވެ.
އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިބޭފުޅާގެ ވަގުތު އަދި ނުޖެހެ އެވެ.
މިވަގުތު އެމްޑީޕީ އޮތީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެއީ އެއް ރެއަކުން ފަސޭހައިން މަރާމާތު ކުރެވޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ ބަލިކަށިކޮށްލި ހާލަތު އުފެއްދުމުގައި ނަޝީދު ބޮޑު ދައުރެއް އަދާކުރެއްވި ކަމީ ވެސް ތެދެކެވެ. އެހެންކަމުން އެމަނިކުފާނުގެ ސަބަބުން ޕާޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ޕާޓީ އަލުން ބިނާ ކުރުމުގެ ފުރުޞަތު އެމަނިކުފާނަށް ދޭން ޖެހޭނެ އެވެ. އެހެނީ، އެއީ ޕާޓީ އަލުން މަރާމާތު ކުރެވޭނީ ގެއްލުން ދިން ފަރާތަށް ކަމުގައި އަޅުގަނޑު ގަބޫލު ކުރާތީއެވެ.
މުހައްމަދު ނަޝީދާ ނުލައި 2028 ވަނަ އަހަރު ކާމިޔާބު ކުރުމަކީ އެމްޑީޕީއަށް އިންތިހާއަށް ދަތިވާނެ ކަމެއް ކަމީ ވެސް ސާބިތު ހަގީގަތެކެވެ. އެހެން ނޫން ނަމަ އަނެއްކާ ވެސް 2023 ވަނަ އަހަރު ތަކުރާރު ވެދާނެކަމަށް އަޅުގަނޑު ބިރު ގަ ނެއެވެ. އެކަން އަނެއްކާ އަލުން ތަކުރާރުވާތަން ދެކެން އަޅުގަނޑުމެން ހަގީގަތުގައި ވެސް ބޭނުން ވާނެ ހެއްޔެވެ؟
މިފަދަ ދަތި ދަނޑިވަޅެއްގައި ނަޝީދަށް ގޮންޖެހުމަކީ ތިބޭފުޅާގެ ސިޔާސީ މުސްތަގުބަލަށް ބޮޑު ގޯހަކަށް ވެދާނެ އެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ނަސޭހަތަކީ ވަގުތުކޮޅަކަށް ފަހަތަށް ޖެހި ކެތްތެރިކަމާއެކު މަޑުކޮށްލުމެވެ. ތިޔަބޭފުޅާގެ ރަނގަޅު ފުރުޞަތު ލަސްނުކޮށް އަވަހަށް އަންނާނެކަމާ މެދު އަޅުގަނޑު އެއްވެސް ވަރަކަށް ޝައްކު ނުކުރަމެވެ. އެވަގުތު އައުމުން ތިބޭފުޅާ ވާނީ ހަމައެކަނި އެމްޑީޕީގެ ޗެއާޕާސަންއަކަށް ނޫނެވެ. އެކަމަކު، ރާއްޖޭގެ ރައީސްކަން ވެސް ތިބޭފުޅާއަށް ކުރެވިދާނެ އެވެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިބޭފުޅާ އަކީ އެކަމުގެ ގާބިލުކަން ހުންނެވި ޒުވާނެކެވެ.
އަދި ޚާއްސަކޮށް ޢަބުދުއް ﷲ ޝާހިދާއި އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ބޭފުޅުންގެ ނަސޭހަތަށް ތަބާވާން އިޚްތިޔާރު ކުރައްވަނީ ކޮން ބައެއްގެ ލަފަޔަކަށް ތޯވެސް ސަމާލުވެލައްވާށެވެ.
ޝުކުރިއްޔާ