ހަލާކުވެގެން ނައްތައިލަން ޖެހޭ ރުފިޔާ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތައް ބޭނުންކޮށްގެން ސުވެނިއާ ފަރުމާ ކުރުމާއި ކުރެހުމުގެ މުބާރާތެއް ބާއްވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
"ކްރާފްޓެޑް ބައި ކަރަންސީ: ޝްރެޑެޑް ނޯޓްސް ރީއިމޭޖިންގް" ގެ ނަމުގައި ކުރިއަށް ގެންދާ މި ދެ މުބާރާތުގެ އުފެއްދުންތައް ތައްޔާރު ކުރަން ބޭނުން ކުރާނީ، ބޭނުން ނުކުރާ، ކުދިކޮށް ކޮށާފައިވާ ޕޮލިމަ ބޭންކް ނޫޓުތަކެވެ. މިއީ އީޖާދީ އަދި މާނަވީ އުފެއްދުންތަކެއް މިތަކެތި ބޭނުންކޮށްގެން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އަދި އެމްއެމްއޭގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ރީސައިކަލް ކުރުމުގެ އިސްނެގުމުގެ ދަށުން އިންތިޒާމުކުރާ މުބާރާތެެކެވެ.
މުބާރާތުގެ އުފެއްދުންތައް ތައްޔާރުކޮށް ހުށަހެޅުމަށް މައިގަނޑު ދެ ގިންތިއެއްގެ ތެރެއިން ވަނީ މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއީ "ސްވެނިއަ ޑިޒައިން އެންޑް ޕްރޮޑަކްޝަން" މުބާރާތާއި "އާޓްވޯކް" މުބާރާތެވެ. ސްވެނިއާ މުބާރާތުގައި ބައިވެރިވެވޭނީ ކުދިކޮށް ކޮށާފައިވާ ނޫޓު ބޭނުންކޮށްގެން، ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް އުފެއްދިދާނެ ތަކެއްޗަށެވެ.
އާޓްވޯކް މުބާރާތް ޚާއްޞަކޮށްފައި ވަނީ ކުދިކޮށް ކޮށާފައިވާ ނޫޓުތައް މައިގަނޑު މާއްދާއެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ފަންނީ އުފެއްދުންތަކެވެ.
މި ދެމުބާރާތުގައި އަމިއްލަ ފަރުދުންނަށާއި، ޓީމުތަކާއި، ފަންނުވެރިންނާއި، ޑިޒައިނަރުންނަށް އަދި ވިޔަފާރިތަކަށް ބައިވެރިވެވޭނެ އެވެ. ބައިވެރިންނަށް ބޭނުން ނަމަ ދެ މުބާރާތުގައި ވެސް ބައިވެރިވެވެނެ އެވެ.
ދެ މުބާރާތަށް ވެސް ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ހުރިހާ ޕްރޮޓޯޓައިޕްތަކާއި އާޓްވޯކްތައް، އެމްއެމްއޭ އިން އިންތިޒާމުކުރާ "ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދައްކައިލާނެ އެވެ.
ސްވެނިއާ ޑިޒައިން އެންޑް ޕްރޮޑަކްޝަން މުބާރާތުގެ އިނާމުތައް:
* 1 ވަނަ: 10,000ރ.
* 2 ވަނަ: 5,000ރ.
* 3 ވަނަ: 3,000ރ.
މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މަރުކަޒީ ބޭންކަށް ބޭނުންވާ ސުވެނިއާ އުފެއްދުމުގެ ފުރުޞަތު ވެސް ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ލިބޭނެ އެވެ.
އާޓްވޯކް މުބާރާތުގެ އިނާމުތައް:
* 1 ވަނަ: 15,000ރ.
* 2 ވަނަ 10,000ރ.
* 3 ވަނަ: 5,000ރ.
ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 އާ ހަމައަށެވެ.