އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަނަށް ބަހައްޓާނީ ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަމުން ބުނީ ބައި-އިލެކްޝެއް ހިތަދޫގައި ފަސް ފޮށި އަދި މާލޭގައި ދެ ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން މާލޭގައި ބަހައްޓާ ދެ ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގަ އެވެ. ހިތަދޫގައި ބަހައްޓާ ފަސް ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައި ވަނީ ހިތަދޫ ސްކޫލުގަ އެވެ.
އަންނަ މަހުގެ 6 ގައި ބާއްވާ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން މެންބަރަކަށް ހުންނެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 12 ގަ އެވެ.