Last Updated: July 11, 12:07
Saturday, July 11, 2026
މުނިފޫހިފިލުވުން

"ތޫ ޔާ މޭ" ގެ ޓީމު އާ ފިލްމަކަށް ތައްޔާރު ވަނީ

އާނަންދު އަދި ބިޖޯއި.

މިދިޔަ ފެބްރުއަރީ މަހު ސަވައިވަލް ތުރިލާ "ތޫ ޔާ މޭ" ގެނެސްދިން ޓީމުން އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމުގެ ޑައިރެކްޓަރު ބިޖޯއީ ނަމްބިއާ މި ފަހަރު، ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާ ގުޅިގެން ހަދަން ނިންމާފައި ވަނީ ޑާކް އެކްޝަން ޑްރާމާއެއް ކަމަށެވެ. ނަން އަދި ސާފު ނުވާ މި ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

އެހެންވެ ބިޖޯއިގެ އާ ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.

އޭނަ ފާހަގަކުރެވިފައި ވަނީ އަބަދު ވެސް ޑާކް ތީމުތަކަށް ފިލްމު ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. ބިޖޯއި ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި 2011 ގެ "ޝައިތާން" އާއި 2016 ގެ ވަޒީރު" ގެ އިތުރުން 2020 "ތައިޝް" ހިމެނެ އެވެ.

އޭނަ މި އަހަރު ގެނެސްދިން "ތޫ ޔާ މޭ" އަކީ ޒުވާން ދެ ތަރިން ކަމަށްވާ އާދާޘޝް ގޯރަވް އާއި ޝަޔާނާ ކަޕޫރް ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

ކަލަ ޔެލޯ ހިންގަމުން އަންނަ އާނަންދަކީ ޕްރޮޑިއުސަރެއްގެ އިތުރުން ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތެރެ އިޝްގް މޭ" އެވެ. އާނަންދަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ތަޑޫ ވެޑްސް މަނޫ" ގެ ދެ ފިލްމުގެ އިތުރުން "ރާންޖަނާ" ގެ ވެސް ޑައިރެކްޓަރެވެ.