Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ހުޅުމާލެ ޗެނަލް ޕާކަށް ކުނި ވަންނާތީ ދާ ޖަހަން ފަށައިފި

ހުޅުމާލޭގެ ފުރަތަމަ ދެ ފޭސް ގުޅުވައިދޭ ޗެނަލް ޕާކުގެ މޫދުގައި ކުނި ދައުރުވާތީ އެކަން ހުއްޓުވަން، ދާ ޖަހަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އޮއިވަރާއެކު އެ ޗެނަލް ޕާކަށް ކުނިތައް ޖަމާވަމުންދާ ކަމަށެވެ. އެހެންވެ ދާ ޖަހައިގެން އެތަނަށް ކުނި މަދުކުރުމަށްޓަކައި މިހާރު މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެ.

ހުޅުމާލެ ޗެނަލް ޕާކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ތަނުގައި މުރަކަ އިންދުމުގެ ޕްރޮގްރާމެއް ވެސް އޮތީ ފަށައިފަ އެވެ.

ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެޗްޑީސީން ވަނީ އެތަނަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވެސް ހަދައިފަ އެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޗެނަލް ޕާކު ސަރަަހައްދަށް މީގެ ދެ ދުވަހެއް ކުރިން ކޯމަސް އައިނެއް ވަނުމާ ގުޅިގެން ވެސް ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.