އެމަނިކުފާނުގެ ޗެއާޕާސަންކަމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަރަށް ބޮޑަށް ބައިވެރިކުރައްވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދައުރު ނޫހުން ގެނެސްދޭ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ސޯލިހާއި ނުގުޅޭ ފަހަރު ވެސް އަންނާނެ ކަމަށާއި ނަމަވެސް ގުޅުން އަބަދު ވެސް ގާތް ކަމަށެވެ. އަދި ސޯލިހު ބާކީ ނުވާނެ ކަމަށާއި އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތުމުން ސޯލިހާއެކު މާ ރަނގަޅަށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޗެއާޕާސަން ކަމުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ރައީސް ސޯލިހު ބައިވެރިކުރާނަން. ވަރަށް ބޮޑަށް ބައިވެރިކުރާނަން. ރައީސް ސޯލިހުގެ ހުންނާނެ ހުނަރުތަކެއް، ސިޔާސީ ކަންކަމުގައި. އެ ކަންކަން އަޅުގަނޑުމެންގެ ޕާޓީއަށް ބޭނުންކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެމަނިކުފާނުގެ ޗެއާޕާސަންކަމުގައި ފެކްޝަންތައް ބަލައިގަންނާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ތެރޭގައި ފެކްޝަންތަކެއް ހުރުމަކީ ދުޅަހެޔޮ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.