ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާ ދިއުން ހުއްޓުވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ދަށުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފާއިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދިވެހި ރުފިޔާގެ އަގަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ހުރި އިތުރު ފައިސާ ނުވަތަ ލިކުއިޑިޓީ މަދުކުރުމުގެ މަގުސަދުގައި ރިވާސް ރީޕާޗޭސް އޮޕަރޭޝަންތައް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ތިން ބިލިއަން ރުފިޔާ ދައުރުވުން މިހާތަނަށް ހުއްޓުވާފައިވާކަމަށް އެމްއެމްއޭގެެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައިވާ ފައިސާގެ އަދަދުކަމަށް ތަފާސްހިސާބުގައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވިކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އެކްސްޗޭންޖް ރޭޓަށް އޮތް ބާރު ކުޑަކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަނީ އެކްސްޗޭންޖް ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.