ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދު ބަލައިލާއިރު، ވެރިކަމުގެ ނިޒާމު ހިނގަމުންދާ ގޮތާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި، މުއައްސަސާތަކުގެ ބާރުވެރި މަގާމުތަކަށް ގެންނަވަމުންދާ ބަދަލުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގާ ވެރިކަމެއްގެ ބަދަލުގައި، ވެރިކަމުގައި ރަސްކަމެއްގެ ސިފަ ޖެއްސުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ދައުލަތުގެ ބާރުވެރި މަގާމުތަކުގައި ތިއްބެވި ވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިން ކުއްލި ކުއްލިއަށް ބަދަލުކުރައްވަމުން ގެންދަވާ މަންޒަރަކީ މިއަދު އާންމު ކަމެކެވެ. މި ބަދަލުތަކަކީ އެ ބޭފުޅުންގެ ނާގާބިލުކަމުން ގެންނަވާ ބަދަލުތަކެއް ކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި، މިކަމުގެ ފަހަތުގައި އޮތް އަސްލު ބޭނުމަކީ އެންމެން އަޅުވެތިކޮށް، ބިރުވެރިކަމެއްގެ ތެރެއިން ނުފޫޒު ފޯރުވުމެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށްދަށަށް ޖަމާކޮށް، ރަސްކަމެއްގައި އޮންނަ ފަދަ މުޠުލަގު ބާރުވެރި ކަމެއް ހޯދުމަކީ މި ސަރުކާރުގެ މިސްރާބު ހުރި ދިމާ ކަމުގައި ފެނެ އެވެ.
"މަސް ނުބޭނުނީމާ ކަނޑު ނުބައިކުރުމުގެ" އުސޫލަކީ މި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންކުރާ އުކުޅެކެވެ. ކަމެއް ނުވުމުން ނުވަތަ ރޭވުމެއް ނެތި ކުރާ ކަންކަން ނާކާމިޔާބުވުމުން، އޭގެ ޒިންމާ އެހެން ބައެއްގެ ބޮލުގައި އެޅުވުމަކީ ޙަޤީޤަތް އޮޅުވައިލުމެވެ. މިސާލަކަށް، ކަނޑުއަޑީގައި ބިއްލޫރި ޓަނަލެއް އަޅާނެކަމަށް ވިދާޅުވުމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ޖިއޮގްރަފީ ހާލަތަށް ބަލާއިރު ކުރެވިދާނެ ކަމެއް ނޫންކަން އެނގިވަޑައިގެން ހުންނަވައި، ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެކެވެ.
ހަމައެއާއެކު، ވެރިކަމުގެ ކުރީކޮޅު އައްޑޫގެ ދެފަރު ދެމެދުގައި ބުރިޖެއް އަޅުއްވާނެކަމަށް ވިދާޅުވެ، ބޮޑެތި ވަޢުދުތައް ވެވަޑައިގަތީ އެކަމަށް ހިނގާނެ ޚަރަދެއް ނުވަތަ އެކަމުގެ ފަންނީ ދިރާސާއެއް ކުރައްވައިގެން ހުންނަވައެއް ނޫނެވެ. މިއީ ހަމައެކަނި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ދެއްކެވި ހުވަފެނެކެވެ.
ކަން މިހެން ހުރުމާއެކު، މިއަދު ބަދަލުވާންޖެހެނީ ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނެއް ނޫނެވެ. އެ މުއައްސަސާތަކަކީ ނިޒާމީ ގޮތެއްގައި ހިނގަންޖެހޭ ތަންތަނެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ފުއްދައިނުދެވޭނެ ފަދަ ދޮގު ވަޢުދުތައްވެ، ރަސްކަމެއްގެ އުސޫލުން ބާރުތައް ޖަމާކުރަން އުޅޭ ފަރާތްތަކުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަން ޖެހެއެވެ.
ޤައުމުގެ ކުރިއެރުން އޮތީ ބިރުދެއްކުމާއި އަޅުވެތިކުރުމުގެ ތެރެއަކުން ނޫނެވެ. އަދި ދޮގު ވަޢުދުތަކުން ރައްޔިތުންނަށް އުންމީދު ދިނުމަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ވެރިކަން ކުރެވޭނެ ގޮތެއް ނޫނެވެ.