އަންނަ މަހުން ފެށިގެން ތެލެސީމިއާ ސެންޓަރުގައި ދިވެހި ހެމަޓޮލޮޖިސްޓެއް މަސައްކަތް ކުރަން ފަށާނެކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތެލަސީމިއާ ކުދިންނަށްދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗްގެ އެހީތެރިކަމާއިއެކު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން މި ޖޫންމަހުގެ ތެރޭގައި ސެންޓަރުގެ ހިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން، ހަލީމު ވިދާޅުވި އެވެ. "އަދި ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ތެލަސީމިއާ ސެންޓަރުގައި އެތެރެހަށީގެ ބަލިތަކަށް ހާއްސަ އަދި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ އޮންކޯލް ހިދުމަތް ކުރިއަށްއޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން."
އޭނަ ވިދާޅުވީ ކުރިން މާލޭގައި ވަރަށް ދަތިކޮށް ހިންގަމުން އައި ތެލަސީމިއާ ސެންޓަރު މި ސަރުކާރުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރެއް ވެސް ތައާރަފްކޮށްފައިވާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖެނުއަރީން ފެށިގެން ތެލަސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ވެސް ދޭން ފަށާފައިވާކަމަށް ހަލީމް ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވީ 32 އަހަރު ފަހުން ހުކުރު ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވައި ހިދުމަތްދޭގޮތަށް ހަމަޖައްސާފައި ވަނީ ވެސް މިސަރުކާރުން ކަމަށެވެ.
ހަލީމު ވިދާޅުވީ ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހަދާ "ގޯލްޑް ސްޓޭންޑަޑް" ތަހްލީލެއް ކަމަށްވާ "ނެޓް" ޓެސްޓިންގެ ހިދުމަތް މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ތެލެސީމިއާ ސެންޓަރުގައު ރަސްމީކޮށް ފަށާނެ ކަމަށެވެ. މިއީ ލޭގެ ރައްކާތެރިކަން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ރާއްޖޭގެ އެޅޭ ތާރީހީ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ލިވާ ފައިބްރޯސިސް ދެނެގަތުމަށް ހަދާ ސްކޭންގެ ހިދުމަތްވެ ސް މި އަހަރުގެ ތެރޭގައި ސެންޓަރުގައި ތައާރަފު ކުރަން ވަނީ ނިންމައިފަ އެވެ.
ހަމަމިއާ އެކު އަންހެނުންގެ ހާއްސަ ބަލިތަކުގެ އޮންކޯލް ހިދުމަތާއި އެހެނިހެން މުހިންމު އެކިއެކި ހިދުމަތްތަކުގެ ހާއްސަ ކޮންސަލްޓެންޓުން ތެލެސީމިއާ ސެންޓަރުގައި މަސައްކަތްކުރާނެ އިންތިޒާމު މިއަަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަލީމު ވިދާޅު ވިއެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރު މި އަަހަރު ޑިޖިޓަލައިޒް ކުރަން ވެސް އޮތީ ނިންމައިފަ އެވެ.