Last Updated: July 11, 02:43
Friday, July 10, 2026
ކޮލަމް

ތަޤުދީރު ބަދަލުކޮށްލި ވޮލެޓް!

އެއީ 1908 ވަނަ އަހަރުގެ ނިއުޔޯކް ސަހަރެވެ. އެމެރިކާއަށް އެތައް ލައްކަ މުހާޖިރުން ދިޔައީ ހިޖުރަ ކުރަމުންނެވެ. އެމީހުންގެ ތެރޭގައި ގިނައީ ނިކަމެތިންނެވެ. ގިނައީ ކުޑަކުދިންނެވެ. ދުވާލަކު 12 ގަޑިއިރު ފެކްޓްރީތަކާ، މައިންތަކާ، މަގުމަތީގައި، މަސައްކަތްކުރާ ކުދިންނެވެ. އެ ކުދިންގެ ތެރޭގައި، ޖުސެޕީ "ޖޯ" އެލް ނަމަކަށް ކިޔާ ޢުމުރުން 12 އަހަރުގެ ކުއްޖަކު އުޅުނެވެ.
ޖޯ އަކީ ސިސިލީ ކުއްޖެކެވެ.

އޭނާ އެމެރިކާއަށް އައީ 1906 ވަނަ އަހަރު އެވެ. އޭނާގެ މައިންބަފައިން މަރުވީ، އެމީހުން ދަތުރުކުރި ބޯޓު، ޓައިފަސް ގައެވެ. އޭނާ ހުރީ އެކަންޏެއެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. އޭނާގެ ޢާއިލާއެއް ނެތެވެ.

އޭނާ ނިދައި ހަދަނީ ފިހާރަތަކުގެ އަސްކަނި ދަށުގައެވެ. އޭނާ ކައިބޮއި ހެދީ ޑަސްބިންތަކުންނެވެ. ދެން އޭނާއަށް ވަޒީފާއެއް ލިބުނެވެ. ނޫސް ވިއްކާ ކުއްޖެއްގެ ވަޒީފާއެވެ. 5 ވަނަ އެވެނިއު އާއި، 23 ވަނަ މަގު ގުޅޭ، ހަތަރު އަނގޮޅި ކަންމަތީގައި އޭނާ ނޫސް ވިއްކަމުން ދިޔައެވެ. އޭނާއަކަށް ނޫސް ކިޔާކަށް ނޭނގެއެވެ. އޭނާއަކަށް އެއްވެސް އެއްޗެއް ކިޔާކަށް ނޭނގެއެވެ. އެކަމަކު އޭނާއަށް ހަޅޭއްލަވަން އެނގެއެވެ. އަދި، އޭނާ އެކަން ކިތަންމެ ރަނގަޅަކަށްވެސް ކުރިއެވެ.

ޖޯން އަށް 1908 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފިނިގަދަ ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި، މަގުމަތިން ވޮލެޓެއް ފެނުނެވެ. އެއީ، ޚާލިސް ހަމުން ހަދާފައިވާ ވޮލެޓެކެވެ. އަދި އެ ވޮލެޓް ބޮލެވެ. އެއީ ފައިސާއިން ފުރިފައިވާ ވޮލެޓެކެވެ. އޭގައި 400 ޑޮލަރު ހުއްޓެވެ. އެއީ މިއަދު ގާތްގަނޑަކަށް 12،000 ޑޮލަރެވެ. ޖޯގެ ޙަޔާތުގައި ދުވަހަކުވެސް، އެހާ ގިނަ ފައިސާ ފެނިފައި ނުވެއެވެ. އޭނާއަށް އެފައިސާ ބެހެއްޓުނީހެވެ. އޭރުން އޭނާއަށް ކާއެއްޗެހި ގަނެވިދާނެއެވެ. އޭނާއަށް ކޯޓެއް ގަނެވިދާނެއެވެ. އަދި، އޭނާއަށް ނިދާނޭ އެނދެއްވެސް ގަނެވިދާނެއެވެ.

އެކަމަކު، އޭގެ ބަދަލުގައި، ވޮލެޓްގެ ތެރޭގައި އޮތް ޑްރައިވިން ލައިސަންސްގައި ލިޔެފައިވާ ނަމަށް އޭނާ ބަލާލިއެވެ. އޭނާއަކަށް، އެ ނަން ކިޔާކަށް ނޭނގެއެވެ. އެޑްރެސްވެސް ކިޔާކަށް ނޭނގެއެވެ. ފުލުހެއްގެ ގާތުން އެ ނަމާއި، އެޑްރެސް ކިޔައިދިނުމަށް ޖޯ އެދުނެވެ. އެ ފުލުސް މީހާ ކިޔައިދިނެވެ. "ޖޯން. ޑީ ރޮކްފެލަރ ޖޫނިއާރ، 4 ހުޅަނގު، 54 ވަނަ މަގު."
ޖޯން ޑީ ރޮކްފެލަރ ޖޫނިއަރ އަކީ، އެމެރިކާގެ އެންމެ މުއްސަނދި މީހާގެ ދަރިއެކެވެ. އޭނާގެ މުއްސަނދިކަން އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. މިއަދަށް ބަލާއިރު އެއީ ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރެވެ. އޭނާއަށް 400 ޑޮލަރަކީ ކޮން އެއްޗެއް ހެއްޔެވެ؟

ހަތަރު ހުޅަނގު، 54 ވަނަ މަގަށް ދިއުމަށްޓަކާ ޖޯ ހިނގައި ގަތެވެ. އަދި އެ އެޑްރެހަށް ގޮސް، އެގޭގެ ދޮރުގައި ޓަކި ޖެހިއެވެ. އެގޭގެ އިސް ނޯކަރު ދޮރުހުޅުވާފައި ޖަވާބު ދިނެވެ. ޖޯ ބުންޏެވެ. "މިއޮތީ އަހުރެންނަށް ފެނުނު ވޮލެޓެކެވެ. މިއީ މިސްޓަރ ރޮކްފެލަރގެ ވޮލެޓެވެ." ބަޓްލަރ ވޮލެޓް ހޯދުމަށްފަހު ވަކިލާރިއެއް ޖޯއަށް ދިނެވެ. ޖޯ ބުންޏެވެ. "އަހުރެން ލާރިއެއް ބޭނުމެއް ނޫނެވެ. އަހުރެން ބޭނުން ވަނީ ކިޔަން ދަސްކުރާށެވެ."

ބަޓުލަރަށް ނުވިސްނުނެވެ. އަނެއްކާވެސް ޖޯ ބުންޏެވެ. "އަހުރެންނަކަށް ކިޔާކަށް ނޭނގެއެވެ. އަހުރެން ބޭނުން ވަނީ ކިޔަން ދަސްކުރާށެވެ. މިސްޓަރ ރޮކްފެލަރއަށް އަހުރެންނަށް ކިޔަން ދަސްކޮށް ދެވިދާނެ ތޯއެވެ؟"

ބަޓުލަރ ހެމުން، ދޮރު ލައްޕާލިއެވެ. ދިހަ މިނެޓް ވަންދެން ޖޯ، އެތަނުގައި ހުއްޓެވެ. އެވަގުތު ދޮރު ހުޅުވުނެވެ. އަދި، އެދޮރުން ނުކުތީ ޚުދު ޖޯން ޑީ ރޮކްފެލަރ ޖޫނިއަރ އެވެ. ޖޯ ދެއްކި ވާހަކަ އޭނާއަށް އަޑުއިވުނެވެ. އޭނާ ބުންޏެވެ. "ކަލޭ ހިނގާފައި، 40 ބުލޮކު ފަހަނައަޅާ ތިޔަ އައީ، އަހުރެންގެ ވޮލެޓް އަނބުރާ ރައްދުކުރުމަށެވެ. އިނާމެއް ހޯދުމަށް ކަލޭ ދެކޮޅު ހެދީމުއެވެ. ކަލޭ އެދުނީ ކިޔަން ދަސްކުރާށެވެ. ޒުވާނާއެވެ. ކަލޭ ކިޔަން ދަސްކުރާނެއެވެ."

ރޮކްފެލަރ ޖޫނިއަރ ޓީރަކު ހޯދިއެވެ. ހަ މަސް ދުވަހުގެ ތެރޭގައި ޖޯ ކިޔަން، ދަސްކުރިއެވެ. އަދި، 8 މަސް ދުވަހުގެ ތެރޭގައި ޖޯ ލިޔަން ދަސްކުރިއެވެ. އޭނާ ސްކޫލަށް ދިޔައެވެ. އޭނާ ކޮލެޖަށް ދިޔައެވެ. އަދި، އޭނާ ޤާނޫނީ ވަކީލަކަށް ވިއެވެ. "ރޮކްފެލަރ ފައުންޑޭޝަން" އުފެއްދުމަށް ރޮކްފެލަރއަށް އޭނާ އެހީތެރިވިއެވެ. އެއީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމުޢިއްޔާއެވެ.

ސާޅީސް އަހަރު ވަންދެން، އެ ފައުންޑޭޝަންގައި، ޖޯ މަސައްކަތް ކުރިއެވެ. އަދި ރޮކުފެލާރގެ އަތުގައި ހުރި، އެއް ބިލިއަން ޑޮލަރު، ޚައިރާތުގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ހަދިޔާ ކުރުމުގައި، އޭނާ އެހީތެރިވިއެވެ. އެފްރިކާގައި ސްކޫލްތައް ބިނާކުރުމުގައި އޭނާ އެހީތެރިވިއެވެ. އޭޝިއާގައި ހޮސްޕިޓަލްތައް ބިނާކުރުމުގައި އޭނާ އެހީތެރިވިއެވެ. އަދި، އެމެރިކާގައި ކުތުބުޚާނާތައް ބިނާކުރުމުގައި އޭނާ އެހީތެރިވިއެވެ.

ޢުމުރުން 76 އަހަރުގައި، 1972 ވަނަ އަހަރު، ޖޯ މަރުވުމުން ނިއުޔޯކް ޓައިމްސް އިން ވަނީ ތަޢުޒިޔާގެ މެސެޖެއް އާންމުކޮށްފައެވެ. އެ މެސެޖުގައި ލިޔެފައިވެއެވެ. "ކުރީގައި ނޫސްވިއްކި ކުއްޖާ، ޖޯ އެލް، ރޮކްފެލަރގެ މުއްސަނދިކަން ބަހާލުމުގައި އެހީތެރިވެދިނެވެ." އެ ތަޢުޒިޔާގައި ވޮލެޓްގެ ވާހަކައެއް ނެތެވެ. އޭގައި 40 ބްލޮކު ފަހަނައަޅައި ދިޔަ ވާހަކައެއް ނުދައްކައެވެ. އަދި، އޭގައި އޭނާ ހަދިޔާ ޤަބޫލުނުކުރި ވާހަކައެއްވެސް ނެތެވެ.

ޖޯން ޑީ ރޮކްފެލާރ ޖޫނިއަރ ދުނިޔެ ދޫކުރީ 1960 ވަނަ އަހަރުއެވެ. އޭނާގެ ވަޞިއްޔަތުގައި ލިޔެފައިވެއެވެ. "ޝަޚުޞިއްޔަތު ވަޒަން ކުރަނީ ފައިސާއިން ނޫންކަމާއި، އެކަމަކު، އެއީ ތިމާއަށް މިލްކުވެގެން ނުވާ އެއްޗެއް އަނބުރާ ރައްދުކުރުމަށް ނިންމާ ނިންމުމުންކަން، ނޫސްވިއްކާ ކުއްޖާ އަޅުގަނޑަށް ދަސްކޮށްދިނެވެ." ޖޯން ޑީ ރޮކްފެލާރގެ ވަޞިއްޔަތުގައި، ޖޯ އަށް އެއް މިލިއަން ޑޮލަރު ދިނުމަށް ވަޞިއްޔަތް ކޮށްފައިވެއެވެ. ޖޯ، އެ ފައިސާވެސް ރޮކްފެލާރ ފައުންޑޭޝަނަށް ހަދިޔާކުރީއެވެ. އޭނާ، އެންމެ ސެންޓެއްވެސް އަތުގައި ނުބެހެއްޓިއެވެ.

ޖޯގެ ކާފަދަރިފުޅު، ޖޯސެފް އެލް ތިންވަނަ، ކާފަގެ ޖަނާޒާގައި ވާހަކަ ދައްކަމުން ބުންޏެވެ. "ކާފަ، އެ ވޮލެޓް ނެގިނަމަ، ކާފަގެ އަތުގައި 400 ޑޮލަރު ހުންނާނެއެވެ. އޭނާއަށް ކާބޯތަކެތި ގަނެވުނީހެވެ. އޭނާ ސަލާމަތުން ދިރި ދުނިޔޭގައި ހުރެވުނީހެވެ. އޭނާއަށް އާދައިގެ ދިރިއުޅުމެއް އުޅެވުނީހެވެ. އޭގެ ބަދަލުގައި، އޭނާ އެވޮލެޓް އަނބުރާ ދިނެވެ. އޭނާ އުޅުނީ އާދަޔާ ޚިލާފު ދިރިއުޅުމެކެވެ. އޭނާ ދުނިޔެ ބަދަލުކުރިއެވެ. ތިބާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟"

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.