Last Updated: May 16, 14:10
Thursday, May 16, 2024
ޚަބަރު

ޝަންގްރިއްލާ ރިސޯޓުގެ ތެރެއަށް ފިސްތޯލައެއް ގެއްލުނު: ހައި ކޯޓްގެ ހުކުމް

2014 ވަނަ އަހަރުގެ ތެރޭގައ ޝަންގްރިއްލާ ރިސޯޓުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވި އެމްއެންޑީއެފްގެ ކޯޕްރަލްއެއް އަތުން ފިސްތޯލެއް ނުގެއްލޭ ކަމަށް ބުނެ އެމްއެންޑީއެފް އިން ބުނެފައިވާ ވާހަކަ އަކީ ދޮގެއް ކަން ހައި ކޯޓުގެ ހުކުމުން ހާމަވެއްޖެއެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޝަންގްރިއްލާގައި ގެއްލިފައިވާކަމަށް ނާޒިމްގެ ފަރާތުން ބުނާ ހަތިޔާރަކީ، ހަނދާން ނެތިގެން އެރިސޯޓުގައި ބާއްވާފައި ދެވުނު ކަމަށެވެ.

އަދި އެ ފިސްތޯލަ ފަހުން ފެނިގެން "ގުޅުމުން" އެ ހަތިޔާރު ވަނީ މޯލްޑިވްސް ޑިފެންސް ފޯސް އަށް ލިބިފައި ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.

ޝަންގްރިއްލާ ރިސޯޓުގެ ތެރެއަށް ބުނާ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ކާނަލް ނާޒިމްގެ ޝަރީޢަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންނެވެ.

ނަމަވެސް އެވާހަކަތައް ދޮގުކޮށް އެމްއެންޑީއެފް އިން 12 މާރޗް 2015 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން މިދިޔަ އަހަރު ރިސޯޓަކަށް ގެއްލިފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

ނަމަވެސް "އައްޑޫ ލައިވް" އިން ހޯދި ހޯދުންތަކުންނާއި ހާދިސާ ހިނގި އިރު އެތަނުގައި ތިބި ޝަންގްރިއްލާ ރިސޯޓުގެ މުވައްޒަފުންގެ ވާހަކަ ތަކުން ކަށަވަރު ކުރެވިފައިވާ ގޮތުން 9 އެމްއެމްގެ ބްރައުނިން ފިސްތޯލައެއް ވިލިގިލި ރިސޯޓަށް މިދިޔަ އަހަރު ގެއްލުނު ކަމަށާއި އަދި ފިސްތޯލައެއް މަދުވިކަން ވެސް ސިފައިންނަށް އެނގުނީ ރިސޯޓުން އެ ފިސްތޯލަ ހަވާލު ކުރުމުންނެވެ.