ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނިފައިވީ ނަމަވެސް، އެ ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަ މިންވަރަކަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައި، ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށާއި، ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ރާއްޖޭގައި ނެތްކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަންޓާވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި، ބައެއް ފަރާތްތަކަށް އެ ބަލީގެ ނުރައްކާ އޮތް ނަމަވެސް، އާންމު ސިއްހަތަށް އެ ބަލީގެ ސަބަބުން އޮތް ނުރައްކާ ކުޑައެވެ.